ށ.އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ޚިދުމަތް ރަސްމީކޮށް ފަށައި، މުޅި އަތޮޅަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އެހޮސްޕިޓަލަކީ ކޯވިޑްގެ ޙާލަތުގައި އުތުރުގެ ސިއްޙީ ނިޒާމު ބަރޯސާވެގެންއައި އެއް ހޮސްޕިޓަލެވެ.
ށ.ފޮނަދޫގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ސިއްޙީ ނިޒާމުގައި މުހިއްމު ހޮސްޕިޓަލެކެވެ. ކޯވިޑްގެ ޙާލަތުގައި މާލެއަށް ނާދެވުމުގެ ސަބަބުން ކައިރި އަތޮޅުތަކުންވެސް ގިނަ ބަޔަކު އެހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިޔުންވެގެންދިޔައީ ހޮސްޕިޓަލަށް ބާރުބޮޑުވި ދުވަސްވަރެއްކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން އުތުރުގެ އެއްވެސް ހޮސްޕިޓަލެއްގައި ތައިރޮއިޑްގެ އޮޕަރޭޝަން ނުކުރެވި މާލެ އާދެވޭނެ ގޮތެއް ނެތް ދުވަސްވަރެއްގައި އެހޮސްޕިޓަލުގައިވަނީ ރާއްޖޭގެ ގިނަރަށްރަށުން ތައިރޮއިޑްގެ އޮޕަރޭޝަންތައް ކުރަންދިޔަ އެތައް ބަޔަކަށް އެޚިދުމަތް ފޯރުކޮށްދީފައެވެ.
އެހޮސްޕިޓަލުގައި އަލަށް ފެށި ކަށީގެ ޑިޕާޓްމަންޓްގެ ޚިދުމަތާއެކު ހޮސްޕިޓަލަށްވަނ އިތުރު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވަކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ޒުމްރަތު ވިދާޅުވީ އެހޮސްޕިޓަލްގައި މިހާރު ކަށީގެ ކުދިކުދި ސަރޖަރީތައްވެސް ކުރެވޭނެކަމަށެވެ. ކަށީގެ ބޮޑެތި ސަރޖަރީތައް ހެދުމަށް އޮޕަރޭޝަން ތިއޭޓަރަށް ބޭނުންވާ ވަޞީލަތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ މިވަގުތު ހޮސްޕިޓަލަށް އެންމެ ބޭނުންވެފައިވަނީ ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތްކަމަށެވެ. އެގޮތުން ސްކޭންތަކާއި އެކްސްރޭ ހެދޭނެގޮތް މިވަގުތު ހޮސްޕިޓަލުގައި ނެތީ އެކަމަށްބޭނުންވާ ރޭޑިއޮލޮޖިސްޓް ނެތުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހޮސްޕިޓަލުގައި ކުރަންޖެހޭ ސްކޭންތައް ކުރުމަށް ކުޅުދުއްފުށީ ހޮސްޕިޓަލް ނުވަތަ އުނގޫފާރުގައި ހުންނަ ރޭޑިއޮލޮޖިސްޓް އެކި ދުވަސްތަކުގައި އަންނަނީކަމަށް ޒުމްރަތު ވިދާޅުވިއެވެ. އެގޮތުން މާބަނޑު މީހުން ކޮންމެހެން ހަދަންޖެހޭ ސްކޭންތަކާއި އެހެންބަލިތަކުގައި ކުރަންޖެހޭ ސްކޭންތަކާއި އެކްސްރޭ ނެގުމަށް އެހޮސްޕިޓަލަށް އެކި ރަށްރަށުން އަންނަކަން ޒުމްރަތު ފާހަގަކުރެއްވިއެވެ.
ރޭޑިއޮލޮޖިސްޓެއް ނެތުމުގެ ސަބަބުން ޚިދުމަތް ބޭނުންވެފައިވާ އެތައް ބަޔަކު ގިނަ ދުވަސްތަކެއްވަންދެން އިންތިޒާރުގައި ކިޔުގައި ތިބެންޖެހޭކަން ޒުމްރަތު ފާހަގަކުރެއްވިއެވެ. މިމައްސަލައަށް ޙައްލެއް ގައުމަށް މިހާރު ސަރުކާރާއެކު ވާހަކަ ދައްކަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޒުމްރަތު ވިދާޅުވީ ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް ފެށުމާއެކު ކަށީގެ ޑިޕާޓްމަންޓާއި ގައިނީ ޑިޕާޓްމަންޓުގައި އަދި އިންޓަރނަލް މެޑިސިން އެހޮސްޕިޓަލުގައި ފުޅާދާއިރާއެއްގައި ދެވިގެންދާނެކަމަށެވެ.