ޚަބަރު

ހިޔާ ފްލެޓްގެ ޓްރާންސްފޯމަރުތަކަށް ސްޓެލްކޯއިން ކަރަންޓު ގުޅައިދީފި


ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 17 ޓްރާންސްފޯމަރަކަށް ސްޓެލްކޯއިން ކަރަންޓު ގުޅައިދީފިއެވެ. ސްޓެލްކޯއިން ޓްރާންސްފޯމަރުތަކަށް ކަރަންޓު ދޫކުރިނަމަވެސް ޓަވަރުތަކަށް ކަރަންޓު ދިނުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހިޔާ ފްލެޓުތައް އޭގެ ވެރިފަރާތާ އަންނަ ބުދަދުވަހު ޙަވާލުކުރާއިރު ޢާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނުގައި ކަރަންޓު ނެތުމެވެ. ހިޔާ ފްލެޓުގެ ކަރަންޓުގެ މަސައްކަތް އެއްކޮށް ކުރަމުން އަންނަނީ ޗައިނާ ކުންފުންޏަކުންނެވެ. އެގޮތުން ހިޔާގެ 16 ޓަވަރަށް އަދި އިތުރު ބޭނުންތަކަށް ޤާއިމުކުރި 1 ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށްވަނީ ބަހައްޓާފައެވެ. މީގެ ދަށުން ޖުމްލަ 188 ކޭބަލް އަޅާފައިވާއިރު ގްރޭޓަރ މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތްދޭ މައި ކުންފުނި، ސްޓެލްކޯއިންވަނީ މިހާރު މިޓްރާންސްފޯމަރުތަކަށް މިކޭބަލްތައް މެދުވެރިކޮށް ކަރަންޓު ގުޅާދީފައިކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އެހެންނަމަވެސް ފްލެޓުތަކަށް ކަރަންޓު ދިނުމަށް މިއިން ކޮންމެ ޓްރާންސްފޯމަރަކުން ފްލެޓުގެ ކޮންމެ އެޕާޓްމަންޓަކަށް ކޭބަލް އެޅުމުގެ މަސައްކަތް އަދި ކުރަންޖެހޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ދަށުން އެމަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ފްލެޓުތައްކުގެ ވެރިންނާއި އެތަންތަން ޙަވާލުކުރާއިރު ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމޭނެކަމަށާއި އެހެންނަމަވެސް ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް މިހާރު މަސައްކަތްކުރަނީ ޖުލައި މަހުގެ ނިޔަލަށް ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ މުއްދަތުންކަމަށްވެސް އެޗްޑީސީންވަނީ ވިދާޅުވެފައެވެ.