ރަށްރަށަށް ދާން ގިނަ ބަޔަކު ޕީސީއާރު ހެދުމަށް މަގުމަތީގައި ކިޔު ހަދައިފިއެވެ. އެހެންނަމަވެސް މިސާމްޕަލް ތަކުގެ ނަތީޖާ ލަސްވެދާނެ ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.
އީދު ބަންދާއި ސްކޫލް ކުދިންގެ އަހަރީ ޗުއްޓީއާއި މިއަހަރުގެ މިނިވަންދުވަސް އެއްދުވަސްވަރަކާ ދިމާވެ ބޮޑު ޗުއްޓީއެއްވަނީ ލިބިފައެވެ. ބަންދުގެ އުފާ އެންމެ ބޮޑުވީ ރާއްޖޭގައި ކޯވިޑްގެ ޙާލަތަށް ރިޢާޔަތްކޮށް އެޗްޕީއޭއިން މިމަހު ޢިއުލާންކުރި ލުއިތަކާއެކުގައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މާލެއިން ބޭރަށް ނުދެވި ތިބި ގިނަ ބަޔަކަށް ރަށްރަށް ދަތުރުކުރެވޭނެ މަގު ފަހިވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.
އެޗްޕީއޭއިން ލުއިދީ ޢާއްމުކޮށްފައިވާ އުސޫލުގައިވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއާއެކު ކަރަންޓީންވުމަކާ ނުލާ ރަށްރަށަށް ދަތުރުކުރެވޭނެކަމަށެވެ.
އަދި ކޯވިޑަށް ޕޮޒިޓިވްވެ ދެމަސް ނުވާ މީހުންނަށް ޕީސީއާރް ޓެސްޓު ހެދުމަކާ ނުލާ، ކަރަންޓީން ވުމަކާ ނުލާ ރަށްރަށަށް ދެވޭނެކަމަށެވެ. މިއާއެކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަސްވެފައިވާ ގިނަ ބަޔަކު ޕީސީއާރް ޓެސްޓު ހަދަމުންދާތީ މިވަގުތު ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިންވެސްވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިއަދުވެސް މާލޭގެ މަގުތަކުގައި ރެންޑަމް ސާމްޕަލް ނަގާ ސަރަޙައްދުތަކުގައި ގިނަބަޔަކުވަނީ ކިޔު ހަދާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވުމުގެ ސަބަބުން ނަތީޖާ ލިބުމުގައި ލަސްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.. އަދި މިގޮތަށް ޓެސްޓުކުރާއިރުވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހުންނާއި ކޯވިޑްގެ ޢަލާމަތްތައް ހުންނަ މީހުންގެ ސާމްޕަލް ޓެސްޓުކުރުމުގައި އިސްކަންދޭނެކަމަށެވެ.
ރަށްރަށަށް ދިޔުމަށް ވެކްސިން ޖެހުމަށްވެސް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. އެހެންނަމަވެސް ވެކްސިން ދިނުން މިވަގުތު ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި މިގޮތަށް ދިނުމުގައިވެސް ފުރަތަމަ ޑޯޒް ޖެހި ތަރުތީބަށް އިސްކަންދެއެވެ. އެޗްޕީއޭއިން ވިދާޅުވީ ޢީދު ބަންދާ ދިމާކޮށް މާލެ ސަރަޙައްދުގައި އެންމެ ފަހުން ވެކްސިން ދޭނެ ދުވަހަކީ އަންނަ ހޮނިހިރުދުވަސްކަމަށާއި ޢީދު ބަންދަށްފަހު ވެކްސިން ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނެކަމަށެވެ.
ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ކޮވިޝީލްޑް ދޭން މިމަހުގެ 4 ވަނަ ދުވަހު ފެށީ އެންމެ ފުރަތަމަ ފެބްރުއަރީ އަދި މާޗް މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އިސްކަންދީގެންނެވެ. މިހާރުވަނީ މިދިޔަ މޭއިމަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލާފައެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރަނީ book.hpa.gov.mv މެދުވެރިކޮށް އެމީހަކު ބޭނުންވާ ގަޑިއަކަށް ބޭނުންވާ ސެންޓަރަކަށެވެ. އޮންލަން ލިންކު ބޭނުންކޮށްގެން ކޮންމެ ވަގުތެއްގައިވެސް އެޕޮއިންޓްމަންޓް ހަމަޖެއްސޭއިރު ކޮންމެ ދުވަހެއްގެ ހެނދުނު 09:00އާއި 12:00އާ ދެމެދު ކިޔުބީ އެޕް މެދުވެރިކޮށް ވެކްސިންޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.