ޚަބަރު

ކޯވިޑްގެ އިތުރު ރާޅެއްގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވޭ: އެޗްޕީއޭ


ކޯވިޑްގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކުރައްވާފައިވާއިރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަނީ އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް އަޅާ ބަލި ކޮންޓްރޯލްކުރަންފެށީ މިބަލީގައި ގިނަބަޔަކު ޕޮޒިޓިވްވެ ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވާން ފެށުމުންނެވެ. ބިރުވެރި މިންވަރަކަށް ބައްޔަށް މީހުން ޕޮޒިޓިވްވެ ބަލީގައި ނިޔާވާން ފެށިއިރު އެއީ މިބަލީގައި މިހާތަނަށް ރާއްޖެއިން ތަޖުރިބާކުރި އެންމެ ނުރައްކާތެރި ރާޅެވެ.
ފިޔަވަޅުތަކާއެކު ކޭސްތައް މަދުވުމުގެ ސަބަބުން ގިނަ ބައެއްގެ އެދުމާއެކު ޢީދު ބަންދާއި މިނިވަންދުވަހާ ދިމާކޮށް ލިބުނު މި ބޮޑު ޗުއްޓީގައި ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިންވަނީ ލުއިތަކެއް ދީފައެވެ.

އެހެންނަމަވެސް ރަށްރަށަށް ދިޔުމަށް ދިން މިލުއިތަކާއެކު ރައްކާތެރިކަމަށް އިސްކަން ނުދެއްވިއްޖެކަމުގައިވާނަމަ ބަލީގެ އިތުރު ރާޅެއް އައުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ގިނަ ބަޔަކު މިދުވަސްވަރު ދަތުރުކުރާއިރު އެއްކޮށް އުޅޭ މީހުން ފިޔަވާ އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.


ޢީދަކީ ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި ގުޅިފައިވާކަމަކަށްވާއިރު ޢީދާ ގުޅިގެން ގިނަ ޙަރަކާތްތައް އިންތިޒާމުކުރާ ދުވަސްވަރެއްނަމަވެސް އެޗްޕީއޭއިންވަނީ މިފަހަރުގެ ޢީދާއި ގުޅިގެން ބާއްވާ ޙަރަކާތްތަކުގައި އެކުގައި އުޅޭ ޢާއިލާ މީހުން ފިޔަވާ އިތުރު މީހުން ބައިވެރި ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގިނަ މީހުން އެއްވެގެން ބާއްވާ ޢީދު ޙަރަކާތްތަކާއި ކެއުންތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދުވަސްވަރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވީނަމަވެސް އެއްރަށުން އަނެއް ރަށަށް ގޮސްގެން ބާއްވާ ކުޅިވަރު މުބާރާތްތައް މިދުވަސްވަރު ނުބޭއްވުމަށްވަނީ އަންގާފައެވެ.

ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުންވެސް ވަނީ އިރުޝާދުދެއްވާފައެވެ. އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ދަތުރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ނެގެޓިވް ނަތީޖާއަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. އަދި ކޯވިޑް ޖެހި، ބަލިން ރަނގަޅުވެފައިތިބި މީހުންނަށްވެސް ވަނީ 60 ދުވަހުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަދީފައެވެ. މިއާއެކުވެސް މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށަށް ދަތުރުކުރެވޭނީ އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކުގައެވެ.