ކޯވިޑް-19

ރާއްޖެއިން އިތުރު 122 މީހުން ކޯވިޑަށް ޕޮޒިޓިިވްވެއްޖެ


ރާއްޖެއިން އިތުރު 122 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 76400 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 122 މީހުންނެވެ.

މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 81 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76454 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް އުޅެނީ 3،000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،587 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 106 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73637 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް ރާއްޖޭގައި 6072 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 76400 އިން މައްޗަށް އަރާފައިވާއިރު، ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ ނިޔާވެފައެވެ.