ކޯވިޑް-19

ރާއްޖެއިން އިތުރު 92 މީހުން ކޯވިޑަށް ޕޮޒިޓިިވްވެއްޖެ


ރާއްޖެއިން އިތުރު 92 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 76،500 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 92 މީހުންނެވެ.

މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 48 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 18 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،546 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް އުޅެނީ 3،000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،606 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 73 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،710 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް ރާއްޖޭގައި 5940 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 76،500 އިން މައްޗަށް އަރާފައިވާއިރު، ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ ނިޔާވެފައެވެ.