ރާއްޖެއިން މިއަދު އިތުރު 105 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 76،900 އަށްވުރެ މައްޗަށް އަރައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 105 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 68 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 76،953 ވަނީ އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި 2611 މީހުން މިހާރު އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 16 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 90 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74،110 އަރާފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5424 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ނިޔާވެފައެވެ.