ޚަބަރު

ފުރަތަމަ ޑޯޒް ޖަހާފައިވަނިކޮށް މާބަނޑުވި މީހުންނަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖަހަން ނިންމައިފި


ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނިކޮށް މާބަނޑުވެފައިވާ މީހުންނަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން، އެމްޓެގީ އިން ނިންމައިފިއެވެ.

މިދިޔަ ފެބްރުއަރީމަހު ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމްގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ގުޅިގެން ހޭދަވެގެންދިޔަ މުއްދަތުގެ ތެރޭގައި މާބަނޑުވި މީހުންނަށް ޖަހާނެ ވެކްސިންއަކާއި ގުޅޭގޮތުން އެމްޓެގީންވަނީ މަޝްވަރާތަކެއްކޮށްފައެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެކަމާގުޅޭގޮތުން ކުރި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނިކޮށް މާބަނޑުވުމުން ދެވަނަ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުމަށްކަމަށެވެ.

ނަމަވެސް މިވަގުތު ރާއްޖެއިން ފައިޒާ ވެކްސިން ހުސްވެފައިވާކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ލިބުނުހާ އަވަހަށް މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމުގެ ކަންކަން ފަށާނެކަމަށެވެ.

"މިމަހުގެ ތެރޭގައި ވަރަށްފަހުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވަނީ ނިންމާފައި، މިސާލަކަށް ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައި އޭގެ ފަހުން މާބަނޑު ވެފައިވާ މީހުންނަށްވެސް ދެވަނަ ޑޯޒެއްގެ ގޮތުގައި ފައިޒާ ދެވޭނެ ގޮތަށް. އެކަމަކު މިވަގުތު އަޅުގަނޑުމެންގެ އަތަކު ނެތް ފައިޒާ ވެކްސިންއެއް. އެވެކްސިން ލިބުނުހާ އަވަހަކަށް އެޑޯޒް ޖަހަން ފަށާނެ" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެފަހުން ކުރިމަތިވި ކޯވިޑް ރާޅާއެކު ހާލު ސީރިއަސްވެ އައިސީޔޫއާ ވެންޓިލޭޓަރުގައި ފަރުވާދޭންޖެހުނު މާބަނޑުމީހުންގެ ޢަދަދު އިތުރުވާން ފެށުމުން މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާފައިވަނީ މޭމަހުގެ ފަހުކޮޅުއެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ފައިޒާ ވެކްސިންގެ 5،500 ޑޯޒް ލިބުމާއި ގުޅިގެން އޭރު އެ ވެކްސިން ދެމުންދިޔައީ ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށެވެ. އެގޮތުން މާބަނޑު މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުންނަށްވަނީ ފައިޒާ ވެކްސިން ދީފައެވެ.