ދުނިޔެ

ރަޝިޔާއިން ސޫރިޔާއަށް ދޭ އެއްބާރުލުމަށް ބަދަލެއް ނާންނާނެ- އަސަދު


ސޫރިޔާގެ ހަނގުރާމައިގައި އެގައުމުގެ ސަރުކާރަށް
އެހީވަމުން އަންނަ ރަޝިޔާއިން ކުރިއަށް އޮތްތަނުގައި ވެސް އެއްބާރުލުން ދެމުންދާނެ
ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.



ޗެކް ރިޕަބްލިކްގެ ޓީވީއަކަށް ދެއްވި
ބަސްދީގަތުމެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ، ސޫރިޔާގައި
ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ބައިވެރިވާން ފެށިފަހުން ހަނގުރާމައިގެ
ކުލަވަރު ބަދަލުވެ، ސޫރިޔާ ސަރުކާރަށް ލިބިފައިވާ އޮތް ބާރު އިތުރުވެފައިވާ
ކަމަށެވެ.



ސޫރިޔާގެ ރައީސް ވަނީ ތުރުކީވިލާތާ އެގައުމު ގުޅޭ
ސަރަހައްދުގެ މަތިން ދަތުކުރަމުން ދަނިކޮށް ތުރުކީން ވައްޓާލި ރަޝިޔާގެ މަތިންދާ
ބޯޓާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.



އަސަދު ވިދާޅުވީ، ތުރުކީގެ
މިޢަމަލުން ދައްކުވައިދެނީ ސޫރިޔާގެ ހަނގުރާމަ މިހާރު ހިނގަމުންދާ ގޮތާ މެދު ތުރުކީ
ސަރުކާރުން ހިތް ހަމަނުޖެހޭ ކަން ކަމަށެވެ.



ސޫރިޔާގެ ރައީސް އިތުރަށް ވިދާޅުވީ، އެގައުމުގައި
ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފަރާތްތަކުން ހަތިޔާރު ބަހައްޓައިފިނަމަ
އެފަދަ ފަރާތްތަކަށް ޤާނޫނީ ހިމާޔަތް ދޭނެ ކަމަށާ އެހެން ނަމަވެސް ސޫރިޔާގައި
ހަރަކާތްތެރިވާ އައި.އެސް އަދި އަލްޤައިދާ ފަދަ ޖަމާޢަތްތަކުން މި ގޮތް ހިޔާރު
ނުކުރާނެ ކަމަށެވެ



2011 ވަނަ ސޫރިޔާގައި ފެށި ހަނގުރާމައިގައި
މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.މީގެ ތެރޭގައި ގިނައީ
ސޫރިޔާގެ ޢާއްމުން މީހުނެވެ.