ދުނިޔެ

ނޭޓޯ އޮތީ ތުރުކީއާއެކު- ނޭޓޯގެ ޚާރިޖީ ވަޒީރުން


ތުރުކީވިލާތުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް
އެގައުމުން އަޅާ ފިޔަވަޅުތަކަށް ނޭޓޯއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް
އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބަރގް ވިދާޅުވެއްޖެއެވެ.



ބެލްޖިއަމްގެ ބްރަސަލްސްގައި އިއްޔެ ނިމިގެން ދިޔަ
ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން
ނޭޓޯގެ އިސްވެރިޔާ ސްޓޯލްޓެންބަރގް ވިދާޅުވީ، ސޫރިޔާއަށް ވައިގެ ހަމަލާތައް
ދިނުމުގައި ބައިވެރިވަމުން ދިޔަ ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާބޯޓެއް
ތުރުކީވިލާތުން ވައްޓާލި މައްސަލައިގަ ދެގައުމުގެ ދެމެދު އުފެދިފައިވާ
ނުތަނަވަސްކަން މިހާރުން މިހާރަށް ދުރުކުރަން ޖެހޭ ކަމަށެވެ.



ތުރުކީވިލާތުގެ ބިމާ ވައިގެ ސަރަހައްދު ދިފާޢު
ކުރުމުގެ ފުރިހަމަ ބާރާ ހައްްޤު ތުރުކީއަށް ލިބިގެންވާ ކަމަށާ މިމައްސަލައިގައި
ރަޝިޔާއާ އެގައުމާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދުރުކުރުމަށް މަޝްވަރާ
ވާހަކަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.



ނޭޓޯގެ ޚާރިޖީ ވަޒީރުން ވަނީ ސޫރިޔާއާ ތުރުކީ ގުޅޭ
ސަރަހައްދީ ރޮނގުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތުރުކީގެ ދިފާޢީ ކަންކަން ވަރުުގަދަކުރުމުގައި
އެހީވާނެ ކަމަށް ވެސް ޚާރިޖީ ވަޒީރުން ވަނީ ވިދާޅުވެފައެވެ.