ކޯވިޑް-19

ރާއްޖެއިން އިތުރު 104 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖޭން އިތުރު 104 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 78،000 އާއި ގާތްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 104 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 56 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 13 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 77،999 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2،512 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 20 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 158 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 75،253 އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،237 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.