ދުނިޔެ

ކޮޕް 21ގެ މަޝްވަރާތައް ހަލުވިކުރަން ޖެހޭ-ފަރަންސޭސިވިލާތް


ފަރަންސޭސިވިލާތުގެ ޕެރިހުގައި މިހާރު ކުރިއަށްދާ
މޫސުމާ ބެހޭ އދގެ ސަމިޓް ކޮޕް ޓުވެންޓީ ވަންގައި ބިނާކުރަނިވި މަޝްވަރާތަކެއް
ކުރިއަށްދާ ކަމަށް ސަމިޓްގެ ރައީސް އަދި ފަރަންސޭސި ޚާރިޖީ ވަޒީރު ލޯހޯން ފެބިއުސް
ވިދާޅުވެއްޖެއެވެ.



މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕެރިހުގައި ފެށި ކޮޕް
21 ސަމިޓާ ބެހޭ ގޮތުން ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރައްވަމުން ފަރަންސޭސި
ޚާރިޖީ ވަޒީރު ވަނީ މި ސަމިޓްގައި އެއްބަސްވުމެއް އެކުލަވާލުމުގައި ބާއްވާ މަޝްވަރާތައް ހަލުވިކުރުމަށް ގޮވާލައްވާފައެވެ.



ފެބިއުސް ވިދާޅުވީ ސަމިޓްގެ ފުރަތަމަ ދުވަހު ދުނިޔޭގެ
150 ގައުމެއްގެ އިސްވެރިން ބައިވެރިވަޑައިގަތުމަކީ ސަމިޓްގައި ކުރާ މަސައްކަތަށް
ލިބިގެން ދިޔަ ހިތްވަރެއް ކަމަށާ އެހެން ނަމަވެސް އެއްބަސްވުމެއް އެކުލަވާލުމަށް
ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.



މިމަހުގެ 12 ވަނަ ދުވަހު ނިންމާލާ މި ސަމިޓްގައި
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހިމެނޭ އެއްބަސްވުމެއް އެކުލަވާލާ
ގައުމުތަކުން އެއްބަސްވުން ފާސްކުރާނެ ކަމަށް ބެލެވެއެވެ.