ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބާއި ދެކޮޅަށް ދައުލަތުން ހުށައަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށް 3 ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލްކޯޓުން އެކުލަވާލައްވައިފިއެވެ.ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ އޭނާ ދިރިއުޅުއްވާ އެޕާރޓްމެންޓުން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލާގައެވެ.ދައުލަތުން ހުށައަޅުއްވާފައިވާ މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ސައީދް އިބްރާހިމްއާއި ގާޒީ މުހްތާޒް ފަހުމީގެ އިތުރުން ގާޒީ އަހްމަދު ރަޝީދުއެވެ. އެހެންނަމަވެސް މި މައްސަލަ ފަށާނެ ތާރީހެއް އަދި ސާފެއް ނުވެއެވެ.ފިސްތޯލެއް ގެންގުޅުނުކަމުގެ ތުހުމަތުގައި އަދީބްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރާއިރު އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައިވެސް އެނާގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ވަނީ ފޮނުވާފައެވެ.ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ސައްވިސް ވަނަދުވަހުއެވެ.އަދީބްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްފައިވާއިރު އޭނާއާއި އާއި ގާތްގުޅުންތަކެއް އޮންނަ ބައެއް ފަރާތައްވެސް ހައްޔަރުކޮށްފައިވެއެވެ.