މާލޭގައި ބޭނުން ނުކޮށްހުރި
ބިންތައް އިޖުތިމާޢީ ބޭނުންތަކަށް ތަރައްޤީ ކުރައްވާއިރު، މި ތަރައްޤީއާއެކު މާލޭގެ
މަލަމަތި މިވަނީ ބަދަލުވެފައެވެ.
ފައިދާހުރި ގޮތެއްގައި ބޭނުން ނުކޮށްހުރި މި ބިންތައް
ތަރައްޤީކުރައްވައި ނިންމަވާފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ
އެއްތަނަކީ މާލޭ ހުޅަނގު ދެކުނު ފަރާތުގައި މިދިޔަ ހަފްތާގައި ހުޅުވުނު ރާވެރިބޭ
މައިޒާނެވެ.
މާލޭގައި މީހުން
ހިތްއުފާކޮށްލުމަށް މީގެ ކުރިން އެންމެ
ގިނައިން ދާ އެއް ސަރަހައްދަކީ ލޮނުޒިޔާރަތްކޮޅާއި އާރޓިފިޝަލް ބީޗް ހިމެނޭ
ސަރަހައްދެވެ.
އެހެން ނަމަވެސް
މިއަދު މިވަނީ މުޅި މާލޭގެ އުމްރާނީ ތަރައްޤީއަށް އަންނަމުންދާ ބަދަލުތަކުގެ
ތެރެއިން އެކަމަށްވެސް ބަދަލުތަކެއް އައިސްފައެވެ.
ބްރިޖް އެޅުމުގެ
މަޝްރޫޢުގެ ދަށުން ލޮނުޒިޔާރަތްކޮޅު ބަންދުކޮށްފައިވާއިރު، އާރޓިފިޝަލް ބީޗް
ސަރަހައްދު މިހާރު ވެފައިވަނީ ސިޔާސީ ހަރަކާތްތަކަށް ޙާއްސަ ސަރަހައްދެއްގެ
ގޮތުގައެވެ. އަދި މިއާއެކު ޢާއްމުންގެ މިސްރާބު މިހާރު ހުރީ މާލޭ ހުޅަނގު ދެކުނު
ފަރާތުގައި ހުޅުވި ރާވެރިބޭ މައިޒާނަށެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދަނީ
ހަވީރުގެ ވަގުތުތަކުގައެވެ.
ރައިވެރިބޭ މައިޒާން
ހިމެނޭ ސަރަހައްދަކީ ޢާއްމުންނާއި ވީހާވެސް ރައްޓެހި ހިތްގައިމު މާހައުލަކަށް
ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ އިތުރު މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ.
އެގޮތުން ޢާންމު
ފާޚާނާބަރިއަކާއި މެކޭނިކަލް ޕާކިންގް ނިޒާމެއް އެ ސަރަޙައްދުގައި ޤާއިމްކުރެއްވުމަށް
ހަމަޖެހިފައިވެއެވެ. މާލޭ ދެކުނު ފަރާތުގެ އިތުރުން މާލޭގެ އިތުރު
ސަރަޙައްދުތަކުގައި ހުރި ހުސްބިންތައްވެސް ބޭނުންތެރި ތަންތަނުގެ ގޮތުގައި
ތަރައްޤީ ކުރެއްވުމުގެ ޕްލޭންތަކެއް ހައްދަވާ އެކަމުގެ މަސައްކަތް ކުރިއަށްގެންދަވާ
ކަމަށް މަޢުލޫމާތު ލިބެއެވެ.