ޚަބަރު

ލެވެލްގެ ގޮތުން ބެންގަލޫރު ތަފާތު ނަމަވެސް އީގަލްސްއަށް ބެންގަލޫރު ބަލި ކުރެވޭނެ: ޝާޒްލީ


ލެވެލްގެ ގޮތުން އިންޑިޔާގެ ޓީމްތަކަށް މޮޅު ނަމަވެސް، ކުލަބް އީގަލްސްއަށް ބެންގަލޫރު ބަލި ކުރެވޭނެ ކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ޑީން ޖާގައެއް ހޯދުމަށް، ޕްލޭ އޯފްގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މިމެޗަށް އީގަލްސްއިންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި މިމެޗަށް ކުލަބް އީގަލްސްއާއި ފަހުން ގުޅުނު ކުޅުންތެރިންނާއެކު ޓީމް ކުރިއަށް ވުރެއް ވަރުގަދަކަމަށެވެ. އަދި މިހާރު ޓީމާއި ގުޅިފައިވަނީވެސް ގައުމީ ޓީމްގެ ވަރަށް ސީނިއަރ ކުޅުންތެރިންތަކަކަށް ވުމުން އެކަމުގެ ފައިދާ އީގަލްސްއަށް ވަރަށް ބޮޑަށް ކުރާނެކަމަށްވެސް ޝާޒްލީ ބުންޏެވެ.

ފުޓްބޯޅައިގައި ކުލަބްތަކުގެ ފެންވަރު ގުނަނީ އެކުލަބްތަކުން ހޯދާފައިވާ ކާމިޔާބީ އާއި އެކުލަބްތަކުން ހޭދަ ކުރާ ފައިސާގެ މިންވަރަށް ބަލައިގެންކަމަށްވާއިރު، ކުލަބް އީގަލްސް އާއި ބެންގަލޫރު އެފްސީ އަކީ ލެވެލްގެ ގޮތުން ބަލާއިރު، މުޅިން ތަފާތު ދެ ޓީމްކަމަށާއި އޭއެފްސީ ކަޕްގެ ތަޖްރިބާވެސް ބެންގަލޫރުގައި މާ ބޮޑުވާނެއެވެ. ކުލަބް އީގަލްސްގެ ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މެޗްތަކުގެ ތަޖްރިބާ ލިބިފައިވާ ކުޅުންތެރިންނަށްވާއިރު، އެކުލަބްގައި މިވަގުތު ތިބި ސީނިއަރ ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގެ ތަޖްރިބާވެސް ވަރަށް ބޮޑަށް ލިބިފައިވާ ކުޅުންތެރިންނެވެ. ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ބެންގަލޫރަކީ ތަފާތު މޮޅު ޓީމެއްކަން ކުލަބް އީގަލްސްގެ ކުޅުންތެރިންނަށް އެގޭކަމަށާއި އެޓީމްގެ ވަރުގަދަ ދިމާތައްވެސް އެނގޭކަމަށެވެ. ނަމަވެސް ކުލަބް އީގަލްސްގެ ކުޅުންތެރިން ދަނޑުމަތީގައި އެއްވެސް ވަރަކަށް ބެންގަލޫރުގެ ކުޅުންތެރިންނަށް ދޫ ނުދޭނެކަމަށާއި ކުލަބް އީގަލްސް މިމެޗަށް ނިކުންނާނީ މެޗުން ތިން ޕޮއިންޓް ހޯދަންކަމަށްވެސް ކޯޗް ޝާޒްލީ ބުންޏެވެ.

"މިވަގުތު ޓީމްގައި ރަނގަޅު ކުޅުންތެރިން ގިނައިން ތިބިވަރަކަށް ކޯޗަށް އޮތް ޕްރެޝަރު ކުޑަ. ރަނގަޅު ކުޅުންތެރިން ތިބުމުން ޓީމް ނެގުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން އެބަދޭ. އަދި މެޗުން މޮޅުވުމަށް ކުރެވޭ އުއްމީދުވެސް މިހާރުވަނީ ވަރަށް ބޮޑުތަން އިތުރުވެފަ، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ޓީމްގައި ތިބުމުން. ކުލަބަށް އަލަށް ގުޅުނު ކުޅުންތެރިންނާއެކު ވަރަށް ރަނގަޅު ކޮންބިނޭޝަނެއް އެބައޮތް މިހާރު ޓީމް ތެރޭގައި. އަލަށް ގުޅުނު ކުޅުންތެރިންވެސް މީގެ ކުރިންވަނީ ގައުމީ ޓީމުގައި އީގަލްސްގެ ކުޅުންތެރިންނާއެކު ވަރަށް ގިނައިން ކުޅެފަ. އަދި ދިވެހި ކުޅުންތެރިންނަށް ވުމުން، ކުޅުންތެރިން އެނގުންވެސް އެއީ ވަރަށް ބޮޑު ފަސޭހައެއް. މެޗުން މޮޅުވުމަށްވެސް މިއީ ލިބުނު އުއްމީދެއް." ކޯޗް ޝާޒްލީ ބުންޏެވެ.

މިމެޗަށް އީގަލްސްއިންވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ތަޖްރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދާފައި. އޭގެ ތެރޭގައި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް އާއި ގައުމީ ޓީމްގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި އަހުމަދު އާރިފް، އިސްމާއީލް އީސާ، އަލީ ފާސިރު ފާހަގަކޮށްލެވެއެވެ. މިއާއެކު އިންޑިޔާގެ ބެންގަލޫރު އެފްސީންވެސްވަނީ އެޓީމް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއިހޯދާފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގައެވެ.