ޚަބަރު

ހުޅުމާލެ ދަނޑާއި ޓްރެކް ހެދުމަށް މަސައްކަތްތަކެއް


ސާފް ޗެންޕިއަންޝިޕްގެ ކުރިން ހުޅުމާލެ ދަނޑާއި ޓްރެކު ކުޅެވޭ ފެންވަރަަށް ހެދުމަށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ކުރި ބިޑްގައި މާލޭގެ ގަލޮޅު ބޯޅަ ދަނޑާއި ހުޅުމާލެ ޓްރެކް ދަނޑުވަނީ ހިމަނާފައެވެ. ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ހޯސްޓް ކުރުމަށް ހަމަޖެހިފައިވާއިރު، މި ދެ ދަނޑުގައިވެސް މެޗްތަށް ކުޅުމަށް އެފްއޭއެމްއިންދަނީ ވިސްނަމުންނެވެ. ސާފް ޗެންޕިއަންޝިޕްގެ ބިޑަށް ހުޅުމާލެ ޓްރެކް ދަނޑު ހިމެނުމުގެ އެންމެ ބޮޑު ބޭނުކަމީ، ގަލޮޅު ބޯޅަ ދަނޑުގެ ދެ ސިޑި ބަރި ބޭނުން ނުކުރެވޭ ހާލަތުގައި އޮތުމުން އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައިކަމަށްވާތީ ކަމަށްވެސް ޕީއެސްއެމްގެ އެކްސްކުލޫސިވް ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ހުޅުމާލެ ޓްރެކާއި ދަނޑު ކުޅެވޭ ހާލަތަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަމަށާއި އެ މަސައްކަތް ކުރުމަށް މިހާރު ޕްލޭންތަކެއް އެކުލަވާލެވި، މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ހުޅުމާލެ ޓްރެކް ދަނޑުގެ ވިނަގަނޑު ހެދުމާއި ލައިޓް ޖެހުމުގެ މަސައްކަތުގެ އިތުރުން މެޗްތަށް ބެލުމަށް ސަޕޯޓަރުން ވެއްދުމަށް ސިޑިބަރިތަކެއް ޖެހުން ހިމެނެއެވެ. މިދަނޑުގެ ލައިޓިން މަސައްކަތް ކުރިއަށް ގެންދިއުމަށް ދެކުނު ކޮރެއާ ޕާޓްނަރުންނާއެކު ވާހަކަދެއްކުމުގެ އިތުރުން ދަނޑުގެ އެހެން މަސައްކަތްވެސް ކުރުމަށް އެފަރާތާއެކު ވާހަކަދައްކަމުން އަންނަކަމަށް ބައްސާމް ވިދާޅުވިއެވެ.

"އެދަނޑުގެ ވިނަ ގަނޑުވެސް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ. ވިނަަގަނޑު ރަނގަޅު ކުރުމަށް ދެ ފަރާތްތަކާއެކު މަސައްކަތް ކުރަމުން މިދަނީ. ގަތަރު އަދި އިންޑިޔާ ބަޔަކާއިވެސް މިކަމާއި ގުޅިގެން މަޝްވަރާތަކަށް ކުރެވެމުން މިދަނީ. ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި މަޝްވަރާތަށް ނިންމާ، މަސް ދުވަހުގެ ތެރޭގައި ވިނަ ގަނޑުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް. ހުޅުމާލެ ޓްރެކް ދަނޑުގެ މަސައްކަތް ކުރިނަމަވެސް ބޭނުންވަނީ މާލޭގެ ގަލޮޅު ބޯލަ ދަނޑުގައިވެސް މެޗްތަށް ކުޅުން. މިހާރުވެސް ހުޅުމާލެ ދަނޑުގައި 5000 މީހުންނަށް ކުޅިބެލޭނެ އަދި ދަނޑުގެ ދެ އަތިމަތީގައި އިތުރު ސިޑިބަރިތަކެއް ލައިގެން ސަޕޯޓަރުން ވީހާވެސް ގިނައިން ވެއްދުމަކީ އެފްއޭއެމްގެ އަމާޒް." ބައްސާމް ބުންޏެވެ.

އެފްއޭއެމްއިން ބޭނުންވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެންޕިއަންޝިޕްއަށް ވިހާވެސް ގިނަ ސަޕޯޓަރުން ވައްދައިގެން މެޗްތަށް ކުޅުމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ވީހާވެސް ގިނަ ބޭފުޅުން ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްގެންކަމަށް އެފްއޭއިން މަޢުލުމާތު ދިނެވެ. އަދި އެޗްޕީއޭއާއެކު ވާހަކަދެއްކުމަށްފަހު، ހާއްސަ ގައިޑްލައިންއެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތު ދީފައިވެއެވެ. އަދި ވީހާވެސް ގިނަ މީހުން ކޯވިޑް-19 ދެ ޑޯޒް ވެކްސިން ޖެހުމަށްވެސް އެފްއޭއެމްއިންވަނީ އިލްތިމާޒްކޮށްފައެވެ.