އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ރައީސުލްޖުމްހޫރިއްޔާ، ރައްކާތެރިވެވަޑައިގެން ހުންނަވައި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދެއްވާހާ ހިނދަކު އެމަނިކުފާނާއި އަދާލަތު ޕާޓީ އިންޗިހެއްހައި މިންވަރުވެސް ދުރަަށް ނުދާނެކަމުގެ ޔަޤީންކަން އަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ދެއްވައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ މިކަމުގެ ޔަޤީންކަން ދެއްވާފައިވަނީ އަދާލަތު ޕާޓީއަށް 16 އަހަރު ފުރުމާ ގުޅިގެން އެޕާޓީން ބޭއްވި ޢާއްމު ޖަލްސާގައެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ކުޑަޕާޓީއެއްނަމަވެސް އެޕާޓީންވާނީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް އެތައްކަމެއްގައި ނަމޫނާ ދައްކާފައިކަމަށެވެ. 2005ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދި މިއަދާހަމައަށްވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ނާންނަކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ 2008އިން ފެށިގެން އުފެދުނު ސަރުކާރުތަކުގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހި ކޯލިޝަންތައް ރޫޅިގެން ދިޔަނަމަވެސް މިއަދު މިއޮތް ކޯލިޝަން ސަރުކާރުގައި އެމަންޒަރު ފެންނަގޮތް ތަފާތުކަމަށެވެ.
އެގޮތުން ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވި ބަސްފުޅާއެއްގޮތަށް އެމަނިކުފާނު ސާބިތުވެ ހުންނެވިކަމަށާއި، އަދާލަތު ޕާޓީއަކީ މިސަރުކާރުގައި މުހިއްމު ބައިވެރިއެއްކަމަށާއި ސަރުކާރުގައި އެޕާޓީ ތަމްސީލުކުރައްވަނީ ޤާބިލު ބައެއްކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.
އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ރައީސުލްޖުމްހޫރިއްޔާ ރައްކާތެރިވެ ހުންނަވާނަމަ އަދާލަތުޕާޓީން އެމަނިކުފާނާއި ވަކިނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޔަޤީންކަން ދެނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ރައީސުލްޖުމްހޫރިއްޔާ، ރައްކާތެރިވެހުރެ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭހާ ހިނދަކު އެމަނިކުފާނާއި އަދާލަތު ޕާޓީ އިންޗިހެއްހާ މިންވަރުވެސް ދުރުވެގެން ނުދާނެކަން. އެހެން ނަމަވެސް އެއަސާސްތަކާއޚިލާފުވެއްޖެނަމަ ކޯލިޝަން ރޫޅާލައި ދެކޮޅަށް މަސައްކަތްކުރަން އަދާލަތުން ފަހަރެއްގައިވެސް ފަހަތައް ނުޖެހޭނެ" އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
ރާއްޖޭގައި ތިން ވަނައަށް އުފެދުނު ސިޔާސީ ޕާޓީކަމުގައިވާ އަދާލަތު ޕާޓީ ކުރިއަރުވައި އިތުރަށް ފުރިހަމަކުރުމަށް ޕާޓީގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި، އެގޮތުން ޕާޓީ ތަރުތީބުކުރުމަށް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލަމުންދާކަން ޕާޓީގެ ރައިސް ވަނީ ހާމަކުރައްވާފައެވެ.