ބަޝުންދުރާ މެޗުން މޮޅުވާން ބޭނުންނަމަ، ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭކަމަށް ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލާ ބުނެފިއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ ފުރަތަމަ މެޗްގައި ބެންގަލޫރު ވަނީ އެގައުމްގެ އޭޓީކޭ މޯހަން ބަގާން އަތުން 2 ލަނޑު 0 ލަނޑުން ބަލިވެފައެވެ. އެހެންކަމުން މިއީ ގުރޫޕްގައި ކުރިއަށް ދިއުމަށް ބެންގަލޫރުއަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ބެންގަލޫރު އެންމެ ފަހުން އޭޓީކޭ މޯހަން ބަގާންއަތުން ބަލިވި މެޗްގައި ރަނގަޅަށް ކުޅުނު ނަމަވެސް، އެޓީމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، ނުރައްކާތެރި ހަމަލާއެއް އުފެދިފައިވަނީ ވަރަށް މަދުންނެވެ.
މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރު ޓީމްގެ ކޯޗް މާކޯ ޕެޒޯލާ ބުނީ ކަރިރިކައިރީގައި ތިން މެޗް ކުޅެން ޖެހުމަކީ މާބޮޑު މައްސަލައެއް ނޫންކަމާއި މެޗުން މޮޅުވުމަށް ބައެއް ކަހަލަ ބަދަލްތަށް ގެންނަންޖެހޭކަމަށެވެ. މިމެޗްގައި ވަރަށް ބޮޑަށް ފަހަތަށް ވިސްނަން ޖެހޭކަމަށާއި ކުރިއަރާއިރުވެސް، ބޯޅަ ގެއްލުމާއެކު ފަހަތަށް ފޭބުން މުހިންމުކަމަށް ޕެޒޯލާ ބުންޏެވެ. ގުރޫޕްގެ ދެވަނަ މެޗްގައި ވާދަކުރާ ބަޝުންދުރާއަކީ ވަރުގަދަ ޓީމެއްކަމަށާއި ބަންގްލަދޭޝްގެ ޗެންޕިއަން ޓީމަށް ވުމުގެގެ އިތުރުން އެޓީމުން ގިނަ ގޯލްތަކެއް ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ ވަރަށް މަދު ގޯލެއްކަންވެސް ޕެޒޯލާ ވަނީ ފާހަގަކޮށްފައެވެ. އަދި އެޓީމްގެ ޑިފެންސް ވަރުގަދަ ވުމުގެ އިތުރުން، ފޯވާޑުން ގޯލް ޖެހޭކަންވެސް އެޓީމްއިންވަނީ ދައްކައިދީފަކަމަށެވެ. މިމެޗަށް ބެންގަލޫރު ނިކުންނައިރު، ބެންގަލޫރުން ޑިފެންސަށް ބޮޑަށް ވިސްނުމަށްފަހު އެޓީމުގެ ޑިފެންސްގެ ތެރެއިން ޖާގަ ހޯދައިގެން ހަމަލާތަކަށް އުފައްދަން މަސައްކަތް ކުރުންވެސް މުހިންމުކަމަށް ޕެޒޯލާ ބުންޏެވެ.
ފުރަތަމަ މެޗުން ބަލިވުމަކީ އެއްވެސް ޕްރެޝަރެއް ނޫންކަމަށާއި އެހެން ކަންކަމުން ޕްރެޝަތު ދުއްވާލެވޭނެކަށާ މިމެޗަށް ނިކުންނައިރު ބެންގަލޫރުގެ ކުޅުންތެރިންގެ އަމިއްލަ ހުނަރު ރަގަނޅުކޮށް، ގޯލް ކުރިމަތިން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންޖެހޭކަމަށެވެ. އެކަން ފާހަގަކުރެވި އެކަމަށް އެންމެ ފަހުގެ ފަރިތަކުރުންތަކުގައި މަސައްކަތް ވެސް ކޮށްފައިވާކަމަށް ޕެޒޯލާ ބުންޏެވެ. އަދި މެޗްގައި ނަސީބު އެހީވުން ވެސް ވަރަށް މުހިންމުކަމަށް ޕެޒޯލާ ބުންޏެވެ. ބަޝުންދުރާ މެޗަށް ނިކުންނައިރު، އަބަދުވެސް ރަނގަޅު ކަންކަމަށް ވިސްނަންޖެހޭކަމަށާއި މޯހަން ބަގާން މެޗްގައި ގޯސްކޮށް ކުރެވުނު ކަންތައްތައް މިމެޗްގައި ރަނގަޅު ކުރާނެކަމަށް ބެންގަލޫރު ޓީމްގެ ކޯޗް ޕެޒޯލާ ބުންޏެވެ.
"އަބަދުވެސް ޕޮޒިޓިކްކޮށް ވިސްނުން ވަރަށް މުހިންމު. ކޯނަރުތަކާއި ހިލޭ ޖެހުންތައް ރަނގަޅު ކުރަންޖެހޭ. ފުރުސަތު އުދެއްފުމުގެ އިތުރުން ލިބޭ ފުރުސަތުތައް ނިންމާލަންވެސް އެބަޖެހޭ. އަދި އެންމެ ފަހުން ކުޅުނު މެޗްގައި ވެސް ބެންގަލޫރަށް މައްސަލަ ދިމާވީ ކޯނަރު، ހިލޭ ޖެހުން އަދި ކައުންޓަރ އެޓޭކުތަކުގައި. އަދި ބަޝުންދުރާއަކީ ވަރަށް އަވަހަށް ހަމަލާތައް އުފައްދާ ޓީމެއް. އެކަން ހުއްޓުވަންޖެހޭ. އަދި ފުރުސަތުތައް ބެންގަލޫރުން އުފައްދައި، ގޯލް ޖެހުން މުހިންމު. މެޗްގެ 90 މިނެޓްގެ ތެރޭގައި ބެންގަލޫރުކޮޅަށް ނަތީޖާ ބަދަލްކޮށްލުން މުހިންމީ." ބެންގަލޫރު ޓީމުގެ ކޯޗް ޕެޒޯލާ ބުންޏެވެ.
ބެންގަލޫރު ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއާއި ބެހޭގޮތުން ޕެޒޯލާ ބުނީ ޗެތުރީއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށާއި ހާއްސަކޮށް މިހާ ޕްރެޝަރު ބޮޑު މެޗަކަށް ނިކުންނައިރު، ޗެތުރީގެ ތަޖްރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެކަމަށާއި ބެންގަލޫރު ކަހަލަ ޒުވާން ޓީމައަކަށް ދަނޑު މަތީގައި އިތުރުން ދަނޑުން ބޭރުގައިވެސް ޗެތުރީގެ ބޭނުން ހިފޭކަމަށް ބެންގަލޫރު ޓީމުގެ ކޯޗް ޕެޒޯލާ ބުންޏެވެ.