ކުޅިވަރު

މޯހަން ބަގާންއަކީ މި ގުރޫޕްގެ ފޭވަރިޓުންނެއް ނޫން - ހާބަސް


ފުރަތަމަ މެޗުން މާޒިޔާ ބަލިވި ނަމަވެސް އެޓީމަކީ ބަލި ޓީމެއް ނޫންކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗް އެންޓޯނިއޯ ލޮޕޭޒް ހާބަސް ބުނެފިއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި މާޒިޔާއިން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއަތުން ބަލިވެފައެވެ. އަދި އޭޓީކޭ މޯހަން ބަގާން ވަނީ ބެންގަލޫރުގެ މައްޗަށް ކުރި ހޯދާފައެވެ. މި ގުރޫޕުގައި ކުރިއަށްދާން ބޭނުންނަމަ، މިރޭގެ މެޗުން މާޒިޔާއަށް މޮޅުވުން މަޖޫބޫރެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހާބަސް ބުނީ މި ގުރޫޕުގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރާކަމަށެވެ. އަދި ކުރިން މެޗުން މާޒިޔާ ބަލިވެފައި އޮތުމުން މިމެޗަށް އެޓީމު ނިކުންނާނީ ވަރަށް ވަރުގަދަކޮށްކަން ވެސް އެގޭކަމަށް ހާބަސް ބުންޏެވެ. ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިން ވަރަށް ހިންހަމަޖެހޭކަމަށާއި މޯހަން ބަގާނުން ކޮންމެ މެޗަކަށްވެސް ނިކުންނާނީ މޮޅުވާންކަމަށެވެ. އޭޓީކޭ މޯހަން ބަގާންއަކީ މި ގުރޫޕްގެ ފޭވަރިޓުންތޯ ސުވާލު ދެންނެވުމުން މޯހަން ބަގާންގެ ކޯޗު ބުނީ އެއީ އެއްވެސް ވަރަކަށް ގަބޫލް ކުރާކަމެއް ނޫންކަމަަށާއި ފުޓްބޯޅައިގައި ކޮންމެ ގޮތެއްވެސް ވެދާނެކަމަށެވެ. މެޗުން މޮޅުވާނެ ޓީމެއް އެނގޭނީ މެޗުގެ 90 މިނެޓް ހަމަވުމުންކަމަށްވެސް ހާބަސް ބުންޏެވެ. އަދި މެޗުގައި ކޮންމެ ގޮތެއްވެސް ވެދާނެކަމަށާއި ރެފްރީގެ އެންމެ ފަހު ކަށިގަޑާއި ހަމައަށް ހުރުހާ ކުޅުންތެރިންވެސް ސަމާލުކަން އެއްވަރެއްގައި ބެހެއްޓުމުގެ މުހިންމުކަން މޯހަން ބަގާންގެ ކޯޗް ވަނީ ފާހަގަކޮށްފައެވެ.

"ހަވީރު 4 ޖާހާއިރު ފުޓްބޯޅަ ކުޅުމަކީ އާދަޔާހިލާފަށް އުނދަގޫވާ ކަމެއް. ހަވީރު ގަޑީގައި ދަނޑުގެ ވިނަގަނޑު ވެސް އޮންނަނީ ވަރަށް ބޮޑަށް ޑްރައިކޮށް. އެއީ ކުޅުންތެރިންނަށް މެޗު ކުޅެން އުނދަގޫ ވާނެ ކަމެއް. ވިނަގަނޑު ޑްރައިވެފައި އޮތީމަ އަހަރެމެންނަށް ވަރަށް އުނދަގޫ. އިދިކޮޅު ޓީމަށް ވެސް އުނދަގޫ ވާނެ ކަމަށް ބެލެވެނީ. ފަހަރެއްގައި ރާއްޖޭގެ ޓީމުތަކަށް ހަވީރު ގަޑީގައި މާ ރަނގަޅު ކަމަކަށް ވެދާނެ. އެކަމަކު ރަނގަޅު ފުޓްބޯޅައެއް ކުޅޭނަމަ ރޭގަނޑު މެޗު ކުޅުން އެއީ އެންމެ ރަނގަޅު ގޮތަކީ. ހަވީރު 4 ޖަހާއިރު ކުޅުމަށް ވުރެ ރޭގަނޑު 9 ޖާހާއިރު ކުޅެންޏާ މާރަނގަޅު ފުޓްބޯޅައެއް ވެސް ކުޅެވޭނެ." ހަބާސް ބުންނެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް މާލޭގައި ކުޅޭއިރު، ކޮންމެ ގުރޫޕަކުންވެސް ދެވަނަ ބުރަށް ދަތުރު ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނަ އަށްދާ ޓީމެވެ.