ސިޔާސީ

އަދީބްގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ފޮނުވައިފި


އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތާއި ދެކޮޅަށް ދައުވާކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކޯޓަށް ހުށައަޅައިފިއެވެ.ޕީޖީ އޮފީހުން ބުނީ އަދީބާއި ދެކޮޅަށް އުފުލާފައިވަނީ ރަސްމީ ހައްސިއްޔަތު، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށެވެ. އަދި ޒިޔަތާއި ދެކޮޅަށް ހުށައަޅާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމަށެވެ. މި ދެ ދަޢުވާއަކީ، އާ ޤާނޫނުލް އުޤޫބާތުގެ ދަށުން ކޯޓަށް ހުށައެޅުނު ފުރަތަމަ މައްސަލައެވެ.އަދީބްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓުއަރިސްޓް ރިސޯރޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައެވެ.އެމްއެމްޕީއާރްސީން ޤަވައިދާއި ޚިލާފަށް ރަށްތަކާއި ފަޅުތައް ދޫކޮށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ވީނުވީއެއް ނޭގުނު މައްސަލާގައި އަދީބާއި އޭނާ އާއި ގާތްގުޅެއް އޮންނަ ޒިޔަތާއި ދެކޮޅަށް ދަޢުވާކުރެއްވުމަށް ފޮނުވާފައިވާއިރު އޭސީސީންވެސް ދަނީ އެ މައްސަލަ ތަހްގީގްކުރައްވަމުންނެވެ.ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުމަށްވެސް ޕީޖީ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ. އަދީބް ފިސްތޯލެއް ގެންގުޅުނުކަމަށް ބުނާ އެ މައްސަލަ ބެއްލެވުމަށް ކުރިމިނަލްކޯޓުން 3 ފަނޑިޔާރުންގެ ބެންޗެއްވެސް މިހާރު ވަނީ އެކުލަވާލައްވާފައެވެ.