މާޒިޔާއިން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ނުދެވި ގުރޫޕްއިން ކަޓަން ޖެހުމުގެ ޒިންމާ ނަގާކަމަށް ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. އޭއެފްސީ ކަޕްގައި ދެނުކު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މާލޭގައި ކުޅުމަށް ނިންމާފައިވުމާއި ގުޅިގެން، މިފަހަރު މާޒިޔާއަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިދާނެކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އަދި މާޒިޔާއިންވަނީ އެފްއޭމްއިން ދިން ފުރުސަތެއްގައި ސައުދި އަރަބިއްޔާގައި ދިހަ ދުވަހުގެ ކޭންޕެއްވެސްކޮށްފައެވެ. އެކޭންޕުގައި މާޒިޔާއިންވަނީ އެކުވެރިކަމުގެ 3 މެޗް ކުޅެފައެވެ.
މާލޭގައި ކުޅުނު ގުރޫޕް ޑީގެ މެޗްތަކުގެ ތެރެއިން މާޒިޔާއިން ފުރަތަމަ މެޗުގައި ބަޝުންދުރާ އަތުން ބަލިވީ 2 ލަނޑު 0 ލަނޑުންނެވެ. އަދި ރޭ ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވީ އޭޓީކޭ މޯހަން ބަގާންއަތުން 3 ލަނޑު 1 ލަނޑުންނެވެ. މިއާއެކު ގުރޫޕްގައި ބާކީ އެއް މެޗް އޮއްވައި މާޒިޔާއަށް ވަނީ ދެވަނަ ބުރުން ފުރުސަތު ނުލިބޭނެކަން ޔަގީންވެފައެވެ. މޯހަން ބަގާން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅެ، ގިނަ ހަމަލާތައްވެސް އުފެއްދިކަމަށެވެ. އެގޮތުން މެޗްގެ ފުރަތަމަ ފަހަރަށް މާޒިޔާއިން ލީޑް ނެގީވެސް މޮޅަށް ކުޅެގެންކަމަށެވެ. މާޒިޔާއަށް މެޗްގައި ލިބުނު ފުރުސަތަށް ބާލާއިރު، އެއް ލަނޑަށް ވުރެއް ގިނަ ލަނޑު ޖެހުނީސްކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ.
މާޒިޔާގެ ކޯޗު ބުނީ ފުރަތަމަ ހާފްއާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި މާޒިޔާއަށް ރަނގަޅަށް ނުކުޅެވުނުކަމާއި މޯހަން ބަގާންއިން ލަނޑު ޖެހުމާއެކު މެޗްގެ އޮއިވަރު ބަދަލްވެގެންދިޔަކަމަށެވެ. އަދި މޮޅުވުން މަޖްބޫރު މެޗަކަށް ވުމުން ލަނޑު ޖެހުމަށް ކުރިއެރުމާއެކު ފަހަތުން ޖާގަތައް ހުސްވި، އެފުރުސަތުގެ ބޭނުން ހިފައިގެން މޯހަން ބަގާން އިތުރު ދެ ލަނޑު ޖެހިކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ. ދެވަނަ ހާފްގަައި ވެސް މާޒިޔާއިން ގޯލް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަސްކުރިއެވެ. ނަމަވެސް އިތުރު ލަނޑެއް އެޓީމަށް ޖެހޭގޮތެއް ނުވިއެވެ. ކޯޗް ބުނީ މެޗުން ބަލިވެ، ގުރޫފްގައި ކުރިއަށް ނުދެވޭކަން ޔަގީންވުމާއެކު، އެކަމުގެ ހުރިހާ ޒިންމާއެއް ނަގާކަމަށެވެ.
" އަހަންނަކީ ކޯޗް އެހެންވީމަ އަހަރެން އެހުރިހާ ޒިންމާއެއް ނަގަން. މެޗްގައި ކުޅުންތެރިންވެސް މަސައްކަތް ކުރި. މެޗެ ދިޔަގޮތްވެސް ވަރަށް ރަނގަޅަށް ކިޔައިދީފިން. ފުރަތަމަ ހާފްގައި މޮޅަށް ކުޅުނު ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ޓީމުން ކުޅުނީ ވަރަށް އާދައިގެކޮށް. ވީގޮތެއް ނޭންގޭ. ނަމަވެސް ކުރިންވެސް ކުޅޭ ގޮތަށް މާޒިޔާއިން ކުޅުނީ. މިކަމުގެ ހުރިހާ ޒިންމާއެއް އަހަރެން ނަގަން." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.
މިއަންނަ އަންގާރަ ދުވަހު މި ގުރޫޕްގެ ފަހު މެޗްގައި ބައްދަލު ކުރާނީ އޭޓީކޭ މޯހަން ބަގާން އާއި ބަޝުންދުރާ ކިންގްސްއެވެ. މިމެޗުން މޮޅުވާ ޓީމްއަކަށް ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ. އަދި އެރޭ ކުޅޭ މެޗްގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޒިޔާ އާއި ބެންގަލޫރު އެފްސީއެވެ.