ފުވައްމުލަކުގައި ސިޓީގައި ކާފިއު އިޢުލާންކޮށް، މޮނިޓަރިންއަށް ލައިފިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤު ވިދާޅުވީ، އެ ސިޓީ މޮނިޓަރިންނަށް ލާފައިވާކަން އެޗް.ޕީ.އޭގެ ފަރާތުން ރޭ އަންގަވާފައިވާކަމަށެވެ. މިކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަށު ތެރޭގައި އަޅާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.
އެގޮތުން ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާކަމަށާއި، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިޢު އިޢުލާންކޮށްފައިވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. އަދި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްތައް ބަންދުކޮށް، އެއް ގެއިން އަނެއް ގެޔަށް ނުދިއުމަށް ރައްޔިތުންނަށް އިލްތިމާސްކޮފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.
"އާއްމުކޮށް މޮނިޓަރިންނަށް ލުމާއެކު ޢަމަލުކުރާ އުޞޫލުން މި ޢަމަލުކުރަނީ. އެގޮތުން ރޭގަނޑު 9 ފަތިހު 4 އަކަށް ކާފިޢު އިޢުލާންކޮށް، އޭގެ އިތުރުން ދަށް ގްރޭޑްތަކުން ދަރިވަރުން ސްކޫލަށް ހާޞިރުކުރުން މެދުކަނޑާލާފައި މިވަނީ. ފިހާރަތައް ހުޅުވޭނެ، އެކަމު ކެފޭ ރެސްޓޯރެންޓުތަކަށް ޑެލިވަރީ އެކަނިކުރެވޭގޮތަށް މިހާރު މިވަނީ ހަމަޖައްސާފައި" ފުވައްމުލައް ސިޓީގެ މޭޔަރ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ މޭޔަރ ރަފީޤު ވިދާޅުވީ، އެ ސިޓީގައި ކޯވިޑުން ދިފާޢުވުމަށް ވެކްސިން ދިނުމުގެ ކަންކަންވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް %60 އާއި ގާތްކުރާ އަދަދަކަށް މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށާއި، 65 އަހަރުން މަތީގެ މީހުންގެ %95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށެވެ. ފުވައްމުލަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 163 ގައި ހުރިއިރު، އެވަރެޖްކޮށް ދުވާލަކަށް 10 އަކާއި 20 ދެމެދު މީހުން ބައްޔަށް ޕޮޒިޓިވަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.
ކޯވިޑްގެ ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ފުވައްމުލައް ސިޓީ މޮނިޓަރިންނަށްލާފައި އޮންނަތާ 3 މަސްފަހުން އެ ޙާލަތު އުވާލާފައިވަނީވެސް މިމަހުގެ ކުރީކޮޅުގައެވެ. އެ ސިޓީގައި ވެކްސިން ކަވަރޭޖްވެސް މަތިކުރެވިފައިވުމާއެކު، ފިޔަވަޅުތަކަށް ދެވެންހުރި ލުއިތަކަކީ ކޮބާތޯ އެޗް.ޕީ.އޭއާ ގުޅިގެން ބަލަމުންދާކަމަށް މޭޔަރ ރަފީޤު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގައި ކޯވިޑާއި ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އިންސްޕެކްޝަނެއް ދާދިފަހުން ވަނީ ކުރިއަށްގެންގޮސްފައެވެ. މި އިންސްޕެކްޝަނުގައި ފުވައްމުލަކުގައި ހުރި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެމުންދޭތޯ ކަށަވަރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދީފައިވެއެވެ.