ޚަބަރު

"ފަޅުރަށްރަށާ ބެހޭ ބިލުންވެސް ހާމަވަނީ ލާމަރުކަޒުކުރަން ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތު"


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލުންވެސް ލާމަރުކަޒީ އުސޫލުން ރަށްތައް ބާރުވެރިކުރުވަން ސަރުކާރުން ގެންގުޅުވާ ހަރުދަނާ ސިޔާސަތު ހާމަވެގެންދާކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަޙުސްގައި މިބިލަށް ތާޢީދުކުރައްވައި ވާހަކަފުޅުދައްކަވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މި ބިލުގެ މަޤްސަދަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތުކަމުގައިވާ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްކަމަށެވެ.

އެ މޭރުމުން މަޖިލީހަށް ޤާނޫނުތައް ހުށައެޅިގެންދާދިއުމުން، ދިވެހިރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި، ރަށްތައް އިދާރީގޮތުން ބާރުވެރިކުރުމުގައި ސަރުކާރުގެ ނިޔަތް ސާފުކަން ހާމަވެގެންދާކަމުގައި މެންބަރު ސަލީމް ވިދާޅުވިއެވެ.

ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ޤާނޫނަކަށްވުމުން މިހާރު ސިޓީއެއް ނުވަތަ ރަށެއްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް ވަރުވާއަށްދޭނީ އިޚްތިސާސް އޮންނަ ސިޓީއެއް ނުވަތަ ކައުންސިލަކުންކަމަށްވުމަކީ ބޮޑު ހެޔޮބަދަލަކަށް ވެގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ބިލުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއްވެސް ހުރިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ބޭނުންވަނީ ވީހާވެސް އިންސާވެރިކަމާއެކު ދެފުށް ފެންނަގޮތަށް ފަޅުރަށްރަށް ލިބޭނެ މަގު ތަނަވަސް ވެގެންދިއުންކަމަށެވެ.

"އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ރަށެއް ކަނޑައަޅާފައި އިޚްތިސާސުން ރަށް ވަކިކުރަންވާނީ އެރަށެއްގެ ކައުންސިލަށް އެކަށީގެންވާ، ޤާބޫލުކުރެވޭފަދަ ބަދަލެއް ދިނުމައްފަހުގައެވެ. އޭރުން އަޅުގަނޑުމެން މިހާސިލްކުރަން ބޭނުންވާ ނަތީޖާއާ އެކުގައި ކަންކަން ކުރިއަށްގެންދެވޭނީ. ބަދަލެއް ނުދޭގޮތަށް ރަށެއް ވަކިކުރުން އިންސާފުވެރިއެއްނޫން، އަދި އެއީ ރަނގަޅުގޮތެއްވެސް ނޫން" މެންބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށް ބެހޭ ގާނޫނަށް އިޞްލާޙުގެނައުމުގެ ބިލު މި މަޖިލީހަށް ހުށައަޅާފައިވަނީ ކުރިން ފަޅުރަށްރަށް ދިނުމާ ބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށު އެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިޞްލާޙުތަކުގެ ސަބަބުންނެވެ.

ބިލު ހުށަހެޅުއްވި ބާރަށުދާއިރާގެ މެންބަރު ވިދާޅުވީ މި ޤާނޫނަށް ގެނެވޭ ބަދަލުގެ ތެރޭގައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި، ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތައް ކުއްޔަށް ނުވަތަ ވަރުވާއަށް ދިނުމާއި ވަކިކުރުމުގެ ކަންކަމާގުޅޭގޮތުން ހިންގަންޖެހޭ މަސައްކަތް ހިންގުމުގެ އިޚުތިޔާރާއި ބާރު ކައުންސިލުތަކަށް ލިބިދީފައިވާކަމަށެވެ.

"މި އިޞްލާޙު ގެނެވެމުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކާއި ހަމަތަކާއި، ޤަވާއިދުތަކުގެ ތެރެއިން މިދެންނެވި ރަށްތައް ކުއްޔަށް ދިނުމަކީ އެއީ ކައުންސިލުތަކާ މިއަދު ހަވާލުވެފައިވާ ޒިންމާއެއް. މި ގާނޫނަށް ގެނެވޭ އިޞްލާޙުތަކުގެ ތެރޭގައި ދަނޑުވެރިކަމާއި، އަދި އެހެންވެސް ބޭނުންތަކަށް ފަޅުރައްތަށް ކުއްޔަށް ދިނުމާއި، ވަކިކުރުމާއި، މި ކަންކަން ހިންގާނެ ގޮތް މިނިސްޓްރީން ކަނޑައަޅާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުންދާ ފަރާތަކަށް މި ބަދަލު އައުމާއެކު ވެގެންދާނީ ކައުންސިލުތައް" އަޙްމަދު އަބްދުﷲ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް މެންބަރުން ފާހަގަކުރައްވަމުން މިގެންދަވަނީ ލާމަރުކަޒީ ޤާނޫނަށް 2019ވަނަ އަހަރު ސަރުކާރުން ހުށަހެޅުއްވި އިސްލާޙްތަކާއެކު ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ގޮސްފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރަން ފަށާފައިވަނިކޮށެވެ.

މިހާރު އައިސްފައިވާ ބަދަލުތަކާއެކު އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ކައުންސިލްތައް މާލީގޮތުން ބާރުވެރިވެ އިޚްތިސާސްތައްވަނީ ފުޅާވެފައެވެ.