އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުގެ މަޤާމަށް މުޙައްމަދު އާސިފް (އިރުވައި އާސިފް) ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ. 
އާސިފްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 10 މެމްބަރުންގެ ވޯޓުންނެވެ. 
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަޤާމު ހުސްވެފައިވާތީއެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 5 ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވާފައެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 
ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018ވަނަ އަހަރުގެ މާޗް މަހުގެ 6ވަނަ ދުވަހުއެވެ.