ޚަބަރު

ކޮންސެޝަން ފީ އުނިކުރި މައްސަލައިގަ ދައުވާ ނުކުރަން ނިންމައިފި


ޖީއެމްއާރުން ސަރުކާރަށް ދައްކަންޖެހޭ ކޮންސެޝަން
ފީން ބައެއް އުނިކުރި މައްސަލާގައި ކުރީގެ ފިނޭންސް މިނިސްޓަރ އަހްމަދު އިނާޒާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ ބޯޑުގެ މެމްބަރުންގެ މައްޗަށް ދައުވާ
ނުކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.



އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ
ތެލުގެ އާމްދަނީން ޖީއެމްއާރަށް ލުއި ދިން މައްސަލާގައި އެސީސީން، ކުރީގެ ފިނޭންސް މިނިސްޓަރ އިނާޒާއި އެމްއޭސީއެލްގެ އޭރުގެ ޗެއަރމަން
އިބްރާހިމް ސަލީމާއި އެކުންފުނީގެ ބޯރޑް މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް
އެދިފައިވެއެވެ.



މި މައްސަލާގައި ދައުވާކުރަން ނުފެންނަކަމަށް
ކަނޑައަޅުއްވާ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލެއްވީ ޖިނާއީ ކުށެއްގައި މަސްލަހަތު
އޮތްކަމަށް ނުފެންނާތީކަމަށް ވިދާޅުވެފައިވެއެވެ. އެހެންމަވެސް އިތުރު އެއްވެސް
ތަފްސީލެއް ހާމަކުރައްވާފައެއްނުވެއެވެ.



އިނާޒާއި އެމްސީއެލްގެ ޗެއާމަނާއި އެ ކުންފުނީގެ
ބޯޑާއި ދެކޮޅަށް އޭސީސީން ދައުވާކުރަން ނިންމީ އެއަރަޕޯޓްގެ ތެލުގެ އާމްދަނީން
ފަނަރަ އިންސައްތަ ދެއްކުމުގެ ބަދަލުގައި އެކެއް އިންސައްތަ ދައްކާގޮތަށް އެއްބަސްވުން
ބަދަލުކުރުމާއި ގުޅިގެނެވެ. އަދި އެ ބަދަލްގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ
ތެރެއިން ފަންސާސް ތިނެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ އުނިވެފައިވާކަމަށް
އޭސީސީން ހާމަކޮށްފައިވެއެވެ.



މި މައްސަލާގައި އޭރުގެ ފިނޭންސް މިނިސްޓަރ
އަހްމަދު އިނާޒާއި އެމްއޭސީއެލްގެ އޭރުގެ ޗެއަރމަން އިބްރާހިމް ސަލީމާއި
އެކުންފުނީގެ ބޯރޑް މެމްބަރުންގެ މައްޗަށް ދައުވާކުރަނީ އެގްރިމެންޓަށް ގެނެވުނު
ބަދަލުގެ ސަބަބުން ދައުލަތަށް ލިބެން އޮތް މަންފާއެއް ގެއްލި ކޮރަޕްޝަންގެ
އަމަލެއްކަމަށް ބެލެވޭތީކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.