އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 
އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ މެމްބަރުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރާނެކަމަށެވެ. 
އިންތިޚާބުގައި އެކި ދާއިރާތަކަށާއި، އެކި މަޤާމުތަކަށް 730 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ނުދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ހަސަން ވިދާޅުވިއެވެ. 
އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރެވޭނެކަމަށް ހަސަން ވަނީ ވިދާޅުވެއެވެ. 
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 17 ޝަކުވާކަމަށާއި، އެކަންކަން ބެލުމަށްފަހު ވާދަކުރެވޭނެ ކެނޑިޑޭޓުންނަކީ ކޮބައިކަން މިހާރު ކަނޑައެޅިފައިވާކަމަށެވެ. އަދި އެކަމާއި އިތުރު ޝަކުވާއެއް އޮތްނަމަ، އިސްތިއުނާފުކޮށް ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެކަން ބެލުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ހަސަން ވިދާޅުވިއެވެ. 
އެމްޑިޕީގެ އިންތިޚާބުގައި ޕާޓީން ކަންކަން ނިންމުންދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޮންނަ އުސޫލުގެ ތެރެއިންކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.