ކޯވިޑް-19

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ޤާއިމުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު އެއްމަހަށް ދަމަހައްޓައިފިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވައި ނެރެފައިވާ ޤަރާރުގައި ވަނީ ކޯވިޑާ ގުޅިގެން ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެވޭނީ އެންމެ ދިގުވެގެން މަހެއްގެ މުއްދަތަކަށެވެ. މިގޮތުން މިއީ މިޙާލަތުގައި މި މުއްދަތު އިތުރުކުރި 19 ވަނަ ފަހަރެވެ. އެންމެފަހުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުގައެވެ.

މިޙާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދެއެވެ. އެގޮތުން ކޯވިޑްއިން ރައްކާތެރިވުމަށް ރަށްރަށުގައި އާއި މާލޭގައި އުސޫލުތައް ކަނޑައަޅާ ތަންފީޒީ އިދާރާތަކަށް އެނގުމަށް ޑީޖީގެ މައްޗަށް ލާޒިމުކުރެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އަދަދުތައް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޙާލަތު ރަނގަޅުވުމާއެކު ސަރުކާރުން ވަނީ ދަތުރުފަތުރުކުރުމާއި އާއްމު ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ދެއްވާފައެވެ. އެގޮތުން ސްކޫލްތަކާއި އޮފީސްތައް އާއްމުންނަށް ހުޅުވައިގެން ޚިދުމަތްދިނުމާއި، ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ގަޑިތައް އިތުރުކުރުމާއި، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަދިނުންފަދަ ކަންކަން ހިމެނެއެވެ. މި ލުއިތަކާއެކުވެސް ބަލި ފެތުރުމުގެ ފުރުޞަތު އަދިވެސް މާލެއާއި އަތޮޅުތަކުގައި އޮތުމާއެކު، ބަލިން ރައްކާތެރިވެ ތިބުމަށް ރަނގަޅުގޮތުގައި މާސްކް އެޅުމަށާއި، އާއްމު ތަންތާނގައި ނިކުމެއުޅޭއިރު 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ.