ބ.އަތޮޅު އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ބ.އަތޮޅު އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު އަޅާފައިވާ ދަނޑެކެވެ. މިދަނޑު ތަރައްގީ ކުރުމަށް މިހާރުވެސް ނަރީޒު ގެންދަވަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭދަފުށީގެ ދަނޑުގެ އިތުރުން އެހެން ބައެއް ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް އަވަށްޓެރި އިންޑިއާއިންވަނީ ދިވެހި ސަރުކާރުން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ.
އިންޑިއާއިން މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އެޤައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކު މެދުވެރިކޮށް ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިންނެވެ. އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 40 މިލިއަން ޑޮލަރުގެ ލޯނުއެހީގައި މާލެއާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމާއި އިތުރު ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މި ލޯނު އެހީގެ ދަށުން މާލޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ނުވަތަ ޤައުމީ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް، ޤައުމީ ވޮލީ އަދި ބާސްކެޓް ބޯޅަ ކޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ލޯނު އެހީގައި އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހދ.ކުމުންދޫއާއި ތ.ކަނޑޫދޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތާއި ހދ.ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުން ހިމެނެއެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ފައިސާ ހަމަޖެހޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.
އޭދަފުށީ ދަނޑު ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ޒަމާނީ ފެންވަރުގެ ރޮސްޓްރަމްއަކާއި ކުޅިބެލުންތެރިން ތިބޭ ސިޑިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. ދަނޑުގެ ސިޑިބަރީގެ މަސައްކަތް ނިމޭއިރުގައި 850 ކުޅިބެލުންތެރިންނަށް އެ ދަނޑަށް ވަދެވޭނެއެވެ. އަދި ވީވީއައިޕީ އޭރިއާގައި 30 މީހުންނަށް ތިބެވޭ ގޮތަށް ހަދާއިރު، ވީއައިޕީ އަށް ހާއްސަކޮށްގެން ގާތްގަނޑަކަށް 100 މީހުން ތިބެވޭ ގޮތަށް ހާއްސަ ޖާގައެއް ރޮސްޓްރަމްގައި ތަރައްގީކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް މިދަނޑުގައި ވީއައިޕީ ވެއިޓިން ލައުންޖަކާއި، ނަމާދު ކުރާ ކޮޓަރިއަކާއި ނޫސްވެރިންގެ ބައްދަލުވުން ބާއްވާން ޕްރެސް ރޫމަކާއި ދެ ޗޭންޖިން ރޫމާއި، މެޑިކަލް ރޫމް އަދި މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމްގެ އިތުރުން ރެފްރީންނަށް ޚާއްޞަ ރޫމެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.
އޭދަފުށީ ޓާފް ދަނޑަކީ 105 މީޓަރު ދިގު، 68 މީޓަރު ފުޅާ ދަނޑެކެވެ. މި ދަނޑަކީ ފީފާ ޤަބޫލުކުރާ ފެންވަރަށް އަޅާފައިވާ ދަނޑެކެވެ. އަދި ދަނޑުގައި އަޅާފައިވާ ޓާފަކީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ މަދު ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.
އޭދަފުށީ ދަނޑު 2019ވަނަ އަހަރު ހުޅުވިފަހުން ގިނަ މުބާރާތްތަކެއް ވެސް އެ ދަނޑުގައި ކުޅެފައިވެއެވެ. ކުޅިވަރުގެ ގިނަ ފަރާތަކުން ވަނީ މިދަނޑަށް ވަރަށް ބޮޑަށް ތަޢުރީފުވެސް ކޮށްފައެވެ. މިދަނޑު ހުޅުވުމުގެ ގޮތުން ގައުމީ ޓީމާއި އޭދަފުށިން ހޮވާލެވުނު ޓީމެއްގެ މެދުގައި މެޗެއް ކުޅެފައިވެއެވެ.