ކޯވިޑް-19

ކޯވިޑުން ރަނގަޅުވި މީހުންގެ ޢަދަދު 80،000 އިން މައްޗަށް


ރާއްޖެއިން ކޯވިޑުން ރަނގަޅުވި މީހުންގެ ޢަދަދު 80،000 އިން މައްޗަށް އަރައިފިއެވެ.

ކޯވިޑް19އިގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު މިހާރު ގިނަ ކޭސްތައް ރިޕޯޓްކުރަމުން އަންނަނީ އަތޮޅުތަކުގެ ރަށްތަކުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 100 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 100 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 40 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 50 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،364 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،120 އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 17 އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 97 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 80،004 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،318 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.