ކުޅިވަރު

ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް ގަތަރަށް ފުރައިފި


ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް ގަތަރަށް ފުރައިފިއެވެ. ގައުމީ ޓީމް ގަދަރަށް ފުރީ 30 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ.

މިމުބާރާތުގެ ތަށި ދިފާއުކުރުމަށް ގައުމީ ޓީމް މިއަދު ހެދުނު ގަތަރަށް ފުރާފައިވާއިރު، މިމުބާރާތުގައި ވާދަކުރާ ސްރީލަންކާ އާއި ނޭޕާލްވެސް ގަތަރުގައި ކޭންޕް ކުރުމަށްވަނީ ހަމަޖެހިފައެވެ. މާލޭގައި ގައުމީ ޓީމު ފަތިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު ގަތަރަށް ފުރާފައިވާއިރު، އެގައުމުގައި އެކުވެރިކަމުގެ ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެއް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. ގައުމީ ޓީމް 30 ކުޅުންތެރިންނަށް މަދު ކުރިއިރުގައި ތަޖްރިބާކާރު މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ)ވަނީ ޓީމުން ބާކީކޮށްފައެވެ.

ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ނޭޕާލާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު އެއް ވަނަ ދުވަހުއެވެ. ސާފް ޗެންޕިއަންޝިޕް މާލޭގައި ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1ކުން 16އަށެވެ. ފަސް ޓީމާއެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެގައުމުގައި މުބާރާތް ކުރިއަށް ނުގެންދެވިގެން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުންވަނީ މުބާރާތް ބާއްވަން ބޭނުންވާ ގައުމުތަކަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެފްއޭއެމުން ސާފް ޗެންޕިއަންޝިޕް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ ނޭޕާލާ ވާދަކޮށްގެންނެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ މިސަރައްޙައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑް-19 އިން އަރައި ގަތުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަކާއި ރާއްޖޭގައި ކޯވިޑް-19އަށް ފައްސިވާ މިންވަރު އަދި ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތްވެސް އެންމެ ގިނައީ ރާއްޖޭގައި ކަމަށްވާތީއެވެ.