މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް އަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން ހާމަކުރައްވައިފިއެވެ.މި މަސައްކަތަކީ މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް ތަރައްޤީކޮށް އެންމެ އެދެވޭ ގޮތުގައި ޑާޓާބޭސްގެ ބޭނުން ހިފޭނެ ގޮތަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށް ފުލުހުންގެ ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދެއްވައެވެ.މި މަސައްކަތުގެ ދަށުން ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓުން 2016 ވަނަ އަހަރު މި ޑާޓާބޭސް ބޭނުން ކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދެއްވައެވެ. އަދި ކުރިއަށް އޮތް އަހަރު ތެރޭގައިވެސް ޑާޓާ ބޭސް ހަރުދަނާ ކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ވިންޑޯސް ބޭސްޑް ސިސްޓަމް، ވެބް- ބޭސްޑް ސިސްޓަމަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި މި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރެވެނީ ކޭސް ހުށަހެޅުމަށާއި ހުށަހަޅާ މައްސަލައެއް ގޮސްފައިވާ ހިސާބު ބަލާލުމަށް ކަމަށް ފެމެލީ އެންޑް ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދެއްވައެވެ.ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ކުށްކުރާ ކުދިން ކުށުގެ މާހައުލުން ދުރުކުރުމަށް ރައްޔިތުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ދެނެގަތުމަށް މި މޮބައިލް އެޕްލިކޭޝަންގެ ސަބަބުން އެހީވެދޭނެ ކަމަށްވެސް ފެމެލީ އެންޑް ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދެއްވައެވެ.މިޑާޓާބޭސްއަށް ތަހްޤީޤުކުރާ ފުލުހުން އަހަލުވެރިކުރުމަށްޓަކައި މިއަހަރު ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ސެޝަންތައް ހިންގާފައެވެ. މިސެޝަންތަކުގެ ތެރެއިން 160 އިންވެސްޓިގޭޝަން އޮފިސަރުން މިހާތަނަށް ތަމްރީންކުރެވިފައިވާކަމަށާއި، ކަމާއި ބެހޭ މުއައްސަސާތަކުގެ ބޭފުޅުންނާއި ވަކިން ޚާއްސަކޮށް، ކޭސްވޯކަރުން އަހުލުވުވެރިކުރުމަށްވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތު ދެއްވައެވެ.މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސްއަކީ، 2010 ވަނަ އަހަރު އިފްތިތާހްކޮށް ބޭނުންކުރަން ފެށުނު ޑާޓާބޭސްއެކެވެ. މިޑާޓާބޭސް އަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހާލަތު ދެނެގަތުމަށްޓަކައި، ކުށްކުރާ ކުޑަކުދިންނާއި ކުށުގެ ޝިކާރައަތްވާ ކުޑަކުދިންނާއި ބެހޭ ތަފާސް ހިސާބުއެއްކޮށް ޤައުމީ ފެންވަރުގައި ބަލަހައްޓައި މޮނިޓަރކުރުމަށް ޔުނިސެފްގެ އެހީގައި ކަމާއި ބެހޭ އެޖެންސީތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ޑާޓާބޭސްއެކެވެ. ބޭރުގެ ފަންނީ ލަފާގެ މަތިން ތަރައްޤީކުރެވުނު މި ޑާޓާބޭސް ތަރައްޤީކޮށް، ބަލަހައްޓަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓެކްނޮލޮޖީ ޑިޕާރޓްމަންޓުންނެވެ.