ޚަބަރު

ކަނދުފަތިތަކަށް ގެއްލުން ނުދިނުމަށް އިލްތިމާސް ކުރައްވައިފި


ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ
މަސްކަނޑުތަކުގައި އަޅާފައި ހުރި ކަނދުފަތިތަކަށް ގެއްލުން ނުދިނުމަށާއި އަދި ކަންނެލި މަސްވެރިކަންކުރާ ބައެއް ދޯނިފަހަރު ކަނދުފަތީގައި ތިން ހަތަރު ދޯނި
އަޅާފައި ބޭއްވުމުގެ ސަބަބުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މަސްވެރިންނަށް އެކަމުގެ އުނދަގޫ
ފޯރަމުންދާކަމުގެ ޝަކުވާވެސް ހުށަހަޅަމުންދާ ކަމަށްވެސް  ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ރާއްޖޭގެ މަސްވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ. 



ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ
އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު
ޝައިނީ ވިދާޅުވީ ކަނދުފަތި ކަނޑާކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ވަރަށް
ގިނައިން އެ މިނިސްޓްރީއަށް އަންނަކަމަށެވެ. މިކަން މިހެން ދިމާވާ ސަބަބުތަކުގެ
ތެރޭގައި މަސްވެރިކަމުގެ ވާދަވެރިކަމުގައި، އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުމަށް
ކަނދުފަތި ކަނޑާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. މިގޮތުން އެއްރަށެއްގެ ކައިރީ
އޮންނަ ކަނދުފަތި އަނެއް ރަށެއްގެ ބަޔަކު ކެނޑުން، ނުވަތަ އެއް އަތޮޅެއްގެ ކައިރީ
އޮންނަ ކަނދުފަތި އަނެއް އަތޮޅެއްގެ ބަޔަކު ކެނޑުން ފަދަ ކަންތައް
ފާހަގަކުރެއްވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 



ކަނދުފައްޗަކީ ރާއްޖޭގެ
މަސްވެރިންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ އެއްޗަކަށް ވާތީ
އޭގެ ބޭނުން ރަގަޅުގޮތުގައި ހިފުމަށާއި، ކަނދުފައްޗަށް ގެއްލުން ނުދިނުމަށް
މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.



މީގެ އިތުރުން ކަންނެލި
މަސްވެރިކަންކުރާ ބައެއް ދޯނި ފަހަރު ކަނދުފަތީގައި ތިން ހަތަރު ދޯނި އަޅާފައި
ބޭއްވުމުގެ ސަބަބުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މަސްވެރިންނަށް އެކަމުގެ އުނދަގޫ
ފޯރަމުންދާކަމުގެ ޝަކުވާވެސް ހުށަހަޅަމުން ދާކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.  ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މަސްވެރިން
ކަނދުފަތި ކައިރިއަށް ދާއިރު، ކަނދުފަތި އޮންނަން ޖެހޭ ތަނުގައި ނޯންނަކަމުގެ
ޝަކުވާއާއި ކަނދުފަތި މާ ފުން ސަރަހައްދުތަކަށް ދިޔުމާއި، ގެއްލުން ފަދަ ކަންތައް
ދިމާވަމުން އަންނަކަމުގެ ޝަކުވާވެސް އެމިނިސްޓްރީއަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ
މަސްވެރިންނަށް ފަސޭހަކަމާއެކު ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ އިންތިޒާމު
ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައަށް އުނިކަމެއް ނައިސް
ދެމެހެއްޓޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އެ މިނިސްޓްރީން މަސައްކަތްކުރައްވަމުން ގެންދަވާއިރު،
މަސްވެރިންގެ ފަރާތުން ފެންނަމުންދާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓިގެން ނޫނީ މިކަމަށް
ހައްލެއް ނާންނާނެކަމަށެވެ.



ކަނދުފައްޗެއް އެޅުމަށް ކުރިން
ތިންމަހާއި ހަތަރުމަހުގެ މުއްދަތެއް ހޭދަވާއިރު އެމިނިސްޓްރީން މިހާރު ގެންދަވަނީ
މިކަމަށް އަވަސް ޙައްލެއް ހޯއްދަވަމުންނެވެ. މިގޮތުން އަންނަ އަހަރަށް ކަނދުފަތި
އެޅުމަށް ބޭނުންވާ ސާމާނު ހޯއްދަވަން މިހާރު އޯޑަރު ދެއްވާފައިވާކަމަށް މިނިސްޓަރ
ޝައިނީ ވިދާޅުވިއެވެ.



ކަނޑައިގެން ގޮސްފައިވާ
ކަނދުފަތިތަކުގެ ތެރެއިން ހަތާވިސް ކަނދުފައްޗެއް އެ މިނިސްޓްރީން ވަނީ މި ދިޔަ
އަހަރު އަޅުއްވާފައި. އަދި މި އަހަރު މިހާތަނަށް ވަނީ ނަވާރަ ކަނދުފައްޗެއް
ހަރުކުރައްވާފައެވެ.



ވޭތުވެދިޔަ 2 އަހަރެއްހާ
ދުވަހުގެ ތެރޭގައި ކަނދުފަތި ހަރުކުރުން މުހިންމު އިތުރު ސަރަޙައްދުތައް ދެނެގަނެ
އެފަދަ ތަންތަނުންގައި އަލަށް ހަތަރު ކަނދުފަތި ވަނީ ހަރުކުރައްވާފައެވެ. ރާއްޖޭގައި
މަސްކަނޑުތަކުގައި މިހާރު ޖުމްލަ ފަންސާސް ހަތަރު ކަނދުފަތި އެބައޮތެވެ.