ކުޅިވަރު

އިތުރުވަގުތު ލޭމާ ކާމިޔާބުކޮށްދިން ލަނޑުން އެތުލެޓިކޯ މޮޅުވެއްޖެ


ސްޕެނިޝް ލަލީގައި އެންމެ ފަހުގެ ޗެމްޕިއަން އެތެލެޓިކޯއިން އިތުރުވަގުތު ކާމިޔާބު ކުރި ލަނޑުން މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި އެތުލެޓިކޯއިން މޮޅެއް ހޯދީ އަލަށް ޕްރޮމޯޓްވި އެސްޕެނިއޯލް ވާދަކޮށް 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓްގައި ރައުލް ދި ތޯމަސް ކާމިޔާބުކުރި ލަނޑުން އެސްޕަންޔޯލް އިން ލީޑު ނެގި އެރި އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ޔަނިކް ކަރެސްކޯއެވެ. މެޗުގެ 58 ވަނަ މިނިޓުގައި އެތުލެޓިކޯއިން އެޓީމުގެ ކުރީގެ ފޯވާޑް އެންޓޯނިޔޯ ގްރީޒްމަން ޖާއޯފްލިކްސްގެ ބަދަލުގައި ކުޅެން ނެރެފައެވެ. އެތުލެޓިކޯ މޮޅުވި ލަނޑު ފްރާންސްގެ މިޑްފީލްޑަރ ތޯމަސް ލޭމާ ކާމިޔާބުކޮށްދިނީ މެޗުގެ އިތުރުވަގުތު އެންމެ ފަހުމިނިޓުގައެވެ.

އެތުލެޓިކޯއިން ވަނީ މި މޮޅާއެކު ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާ އާއި ވެލެންސިޔާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. މި ތިން ޓީމުން ވަނީ ލީގުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދާފައެވެ. ލީގުގައި ރޭ ވެލެންސިޔާއިން ވަނީ ރަށުން ބޭރުގައި އޮސެސޫނާ އަތުން 4-1 ލަނޑުން މޮޅުވެފައެވެ. ލަލީގާއަށް އަލުން އެނބުރި އެސްޕަންޔޯލް މި ސީޒަންގައި އައިފަހުން އެޓީމުން އަދި މޮޅެއް ހޯދާފައެއްނުވޭ.