އިރާޤުގައި ތުރުކީވިލާތުގެ ސިފައިންގެ ފައުޖުތައް ހަރަކާތްތެރިވަމުންދަނީ އިރާޤުގެ ބޮޑު ވަޒީރު ހައިދަރު އަލް އާބާދީގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔަބު އުރުދުޣާން ވިދާޅުވެއްޖެއެވެ.ތުރުކީ ސިފައިން އިރާޤަށް ފޮނުވި މައްސަލާގައި ދެގައުމުގެ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.ތުރުކީވިލާތުން އިރާޤުގެ މޯސުލްއަށް އެގައުމުގެ އަސްކަރިއްޔާގެ އެތައް ސަތޭކަ ސިފައިންނެއް ފޮނުވާފައިވަނީ އިރާޤުގައި ހަރަކާތްތެރިވަމުންދާ އައި.އެސް ޖަމާޢަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީވުމަށް ކަމަށް ތުރުކީވިލާތުން ވަނީ ބުނެފައެވެ. އަދި މި ސިފައިންގެ މައިގަނޑު މަސައްކަތަކަށް ވާނީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އިރާޤުގެ އެކި އެކި ހަނގުރާމަވެރި ޖަމާޢަތްތަކަށް އަސްކަރީ ތަމްރީނު ދިނުން ކަމަށް ވެސް ތުރުކީވިލާތުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ތުރުކީވިލާތުން އިރާޤުގެ އުތުރު ސަރަހައްދަށް ސިފައިން ފޮނުވާފައިވަނީ އިރާޤު ސަރުކާރުގެ ހުއްދަ ނުހޯދާ ކަމަށާ މިކަން އިރާޤުން ޤަބޫލުނުކުރާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި 48 ގަޑި އިރުގެ ތެރޭގައި އިރާޤުގައި ތިބި ތުރުކީ ސިފައިން އެގައުމުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު ވަނީ ތުރުކީއަށް އަމުރުކުރައްވާފައެވެ.އިރާޤު ސަރުކާރުގެ މި ޢަމުރަށް އިޖާބާ ދޭނެ ކަމުގެ ނިޝާނެއް ތުރުކީއިން މިހާތަނަށް ދައްކާފައި ނުވާ އިރު، ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ ތުރުކީއިން އިރާޤަށް ސިފައިން ފޮނުވީ އިރާޤުގެ ބޮޑު ވަޒީރުގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ވިދާޅުވެފައެވެ. އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން އިރާޤުގައި ތުރުކީ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާ މިހާރު މިމައްސަލައިގައި އިރާޤުން ދެކޮޅު ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.އުރުދުޣާން ވަނީ އިރާޤު ސަރުކާރަށް ހަރުކަށި ފާޑުކިއުންތަކެއް ވެސް އަމާޒުކުރައްވާފައެވެ. މިގޮތުން އިރާޤުގެ މައި ސަރުކާރުން ޢަމަލުކުރަމުންދަނީ ހުރިހާ ފަރާތަކަށް ހަމަހަމަ ގޮތެއްގައި ނޫން ކަމަށާ މިކަމުގެ ސަބަބުން އިރާޤުގެ ރައްޔިތުން މިހާރު ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ. އިރާޤާ ތުރުކީވިލާތާ ދެމެދު ޖެހިފައިވާ މައްސަލަތައް މަޝްވަރާގެ މަގުން ހައްލުކުރުމަށް އދން ވަނީ ގޮވާލާފައެވެ.އިރާޤުން ތުރުކީ ސިފައިން ފޭބުމަށް ދީފައިވާ މުހުލަތު ފާއިތުވެފައިވާ އިރު، މިކަމުގައި އެކަށިގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އިރާޤުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިކަމުގައި އިރާޤުން އަސްކަރީ ފިޔަވަޅު އިސް ނުކުރާނެ ކަމަށް ސަރަހައްދުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.