ކުޅިވަރު

ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން ގާޑިއޯލާ ދެކޮޅު ހަދައި


މެންޗެސްޓަރ ސިޓީގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން ކޯޗު ޕެޕް ގާޑިއޯލާ ދެކޮޅު ހަދައިފިއެވެ.

ސަޕޯޓަރުންނާއި ކޯޗު ގާޑިއޯލާއާއި ދެމެދު މައްސަލަ ޖެހުނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ލީޕްޒިގް އަތުން ސިޓީ މޮޅުވި މެޗު ބަލަން އެ ޓީމުގެ ދަނޑަށް ސަޕޯޓަރުން މަދުން ވަނުމުން އެކަން ގާޑިއޯލާ ފާހަގަކުރި ހިސާބުންނެވެ. ގާޑިއޯލާ ވަނީ އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވީހާ ވެސް ގިނަ ސިޓީ ސަޕޯޓަރުން މެޗުތައް ބަލަން ދަނޑަށް އަންނަން ދައުވަތު ދީފައެވެ.

މިކަމާއި ހިތްހަމަ ނުޖެހިގެން ސިޓީގެ ސަޕޯޓަރުންގެ ގްރޫޕްގެ ޖެނެރަލް ސެކްރެޓަރީ ކެވިން ޕާކާ ބުނީ ގާޑިއޯލާ ވިސްނަން ޖެހޭނީ ޓީމުގެ ކޯޗިންގެ ކަންކަމާމެދު ކަމަށާއި ސަޕޯޓަރުންގެ ކަންކަން ހުރި ގޮތް ނޭނގޭނެކަމަށެވެ.

ގާޑިއޯލާ ބުނީ އޭނާ މައާފަށް އެދެން ޖެހޭކަމެއް ކޮށްފައިނުވާނެކަމަށައި، ޓީމަށް ސަޕޯޓަރުންގެ ސަޕޯޓް ބޭނުންވާ ވާހަކަ ބުނުމަކީ މައްސަލައެއްކަމަށް ނުދެކޭކަމަށެވެ. އަދި އޭނާ ދެއްކި ވާހަކަ މާނަ އޮޅޭގޮތަށް ދެއްކުމަކީ ހިތާމަކުރާކަމެއްކަމަށެވެ.