ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީލަންކާއިން ސައުދީގައި ކޭންޕްކޮށްފިއެވެ. އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ސާފްގެ އެކި ގައުމުތަކުން ދަނީ އެކި ގައުމުތަކުގައި ކޭންޕް ކުރަމުންނެވެ.
ނޭޕާލާއި ދިވެހިރާއްޖެއިން ގަތަރުގައި ކޭންޕް ކުރަމުންދާއިރު އިންޑިޔާއިން ވަނީ ނޭޕާލާއިއެކު އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ސްރީލަންކާއިން ކޭންޕް ކުރުމަށް މަސައްކަތްކޮށްފައިވަނީ ގަތަރުގައެވެ. ނަމަވެސް ސްރީލަންކާގެ ކޯވިޑް-19ގެ ހާލަތު އޮތް ގޮތުން އެޓީމަށް ގަތަރަށް އެތެރެވުމަށް ވިސާ ނުލިބުމުގެ ސަބަބުން އެޓީމަށް ގަތަރަށް އާދެވޭ ގޮތެއް ނުވިއެވެ. ކުރިން ސްރީލަންކާއިން ގަތަރަށް އައުމަށް ހަމަޖެހިފައިވުމާއި ގުޅިގެން ރާއްޖެއިން ވަނީ އެގައުމާއިއެކު ގަތަރުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށްވެސް ނިންމިއެވެ. ނަމަވެސް ސްރީލަންކާއިން ގަތަރަށް ނުދެވުމާއި ގުޅިގެން އެމެޗު ވަނީ ކެންސަލްވެފައެވެ.
ލަންކާ އިން ސާފް ޗެމްޕިއަންޝިޕަށް އިއުލާނުކުރި ސްކޮޑުން ވަނީ ޔޫރަޕްގައި ކުޅޭ ތިން ކުޅުންތެރިއަކަށް ފުރުސަތު ދީފައެވެ. އެއީ އިންގްލެންޑްގެ ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަށް ކުޅޭ 18 އަހަރުގެ ވިންގް ޑިލޯން ޑި ސިލްވާ އާއި ޖަރުމަނު ލީގުގެ ޔޫނިއަން ބާލިން އަށް ކުރިން ކުޅުނު އަހުމަދު ވަސީމް ރަޒާކް އަދި އިންގްލެންޑްގެ ސެމީ ޕްރޮފެޝަނަލް ލެވަލްގެ ކްލަބް ވައިޓްހޯކް އަށް ކުޅޭ މާވިން ހަމިލްޓަންއެވެ. މީގެ ތެރެއިން ވަސީމް ވަނީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ލެބަނަން ކޮޅަށް ދެ ގޯލު ޖަހައިފައެވެ. ލަންކާ ޓީމަށް މިވަގުތު އިރުޝާދު ދެމުންދަނީ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ބޮސްނިއާގެ އާމިރް އަލަގިޗްއެވެ. ލަންކާ ޓީމުގައި ރާއްޖޭގައި ކުޅުނު ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ކްލަބް އީގަލްސް އަށް ފަސް އަހަރު ކުޅެދިން ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ފެނުނު ޑަކްސަން ޕުސްލަސް ފާހަގަކޮށްލެވެއެވެ.
މިއަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގައި ލަންކާއިން ކުޅޭ ފުރަތަމަ މެޗްގައި އެޓީމު ވާދަކުރާނީ ބަންގްލަދޭޝްއާއިއެވެ. މިފަހަރު ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ އެހެން އަހަރުތަކާއި ހިލާފަށް ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.