ޚަބަރު

މާބަނޑު އަންހެނުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ


އަންނަ އަހަރުން ފެށިގެން ސަރުކާރު އޮފީސްތަކުގައި
މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބިގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމް
ހަަމަޖައްސަަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ޤައްޔޫމް ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ހިއުމަން ރައިޓްސް
ކޮމިޝަނުން ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.



ރައީސް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން
މާބަނޑު އަންހެނުންގެެ ތެރެއިން، ޙާލަތު ހުރި ގޮތުން މަސައްކަތަށް ނިކުތުމަށް
ދަތިވާ އަންހެނުން ގޭގައި ތިބިގެން މަސައްކަތް ކުރެވޭނެ އިންތިޒާމް
ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި އަންހެނުން ހަވާސާކޮށްފައި ބޭތިއްބުމުގެ
ބަދަލުގައި އަންހެނުންނަށް ކުރިއަށް ދެވޭނެ ފުރުސަތުތައް ފަހިކޮށްދީ އެމީހުންގެ
ދައުރު މުޖުތަމައުގައި ފުޅާކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން
އެންމެ އިސްކަމެއްދެނީ ނާޒުކު ގިންތީގެ މީހުންގެ ގޮތުގައި ހިމެނޭ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް
ޙައްޤުތައް ކަށަވަރުކޮށްދީ ރައްކާތެރިކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން
ފާއިތުވި ދެ އަހަރުގެ ތެރޭގައި މިދާއިރާއިން އެކަށީގެންވާ ކުރިއެރުންތަކެއް ހޯދާފައިވާ
ކަމަށް ވިދާޅުވިއެވެ.  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމާޒަކީ ސަރުކާރާއި ސަރުކާރު ޙިއްސާވާ
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބޭ އަންހެނުންގެ ނިސްބަތް ސާޅީސް
އިންސައްތަޔަށް ހެދުން ކަަމަށާއި އެނަތީޖާއާ ހަމައަށް އަވަސްމުސްތަޤްބަލެއްގައި
ވާސިލްވާނެކަމަށެވެ. އަދި މިއީވެސް އަންހެނުންގެ ފުދުންތެރިކަން އިތުރުކުރަން
މިސަރުކާރުން ދެއްވާ ސަމާލުކަން ފެނިގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތުމަޢަށް ބޭނުން ހިފޭ އަދި
ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްދޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ
މަސައްކަތް ފާހަގަކުރައްވާ، އެފަރާތްތަކުގެ ހުނަރު ބޭނުންކޮށްގެން އުފައްދާ ތަކެތި
މާކެޓްކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކްރާފްޓް ސެންޓަރެއް
ޤާއިމްކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.