ކުޅިވަރު

ސުއަރޭޒްގެ ދެ ގޯލާއެކު އެތުލެޓިކޯ މެޑްރިޑް ތާވަލްގެ އެއްވަނައަށް


ލުއިސް ސުއަރޭޒްގެ ދެ ގޯލާއެކު ފަހަތުން އަރައި ގެތާފޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ. ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ ބައްދަލުކުރި މެޗް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލީޑުނަގައި ކުރި ހޯދީ ގެތާފޭއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން މިޓްރޮވިޗްއެވެ. ގެތާފޭއިން ލީޑް ނެގުމާއިއެކު އެތުލެޓިކޯ މެޑްރިޑުން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން އެޓީމުގެ ލުއިސް ސުއަރޭޒް އާއި އެންޓޮއިން ގްރީޒްމަންއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން މިދެ ކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ހާފް ގެތާފޭ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް މެޗްގެ ދެވަނަ ހާފްގައި އެތުލެޓިކޯ މެޑްރިޑުންވަނީ ދެ ލަނޑު ޖަހާފައެވެ. މެޗްގެ 74ވަނަ މިނެޓްގައި ގެޓަފޭގެ އަލޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އެޓީމަށް ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހުނެވެ އެގޮތުން އެޓީމުވަރަށް ބޮޑަށް ފްރެޝަރަށް ވެއްޓިގެންދިޔައެވެ. މިރަތް ކާޑު ފެނިގެންދިޔަތާ 4 މިނެޓްފަހުން އެތުލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގައިވެސް މޮޅު ކުޅުމެއްދެއްކި ލުއިސް ސުއަރޭޒްއެވެ. އަދި މެޗްގައި އެތުލެޓިކޯ މެޑްރިޑަށް ލީޑްނަގައިދިނީ މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ލުއިސް ސުއަރޭޒްއެވެ.

ސުއަރޭޒް ވަނީ ލީގުގައި މިހާތަނަށް އެތުލެޓިކޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ތިން މެޗުގައި ތިން ގޯލު ޖަހާފައެވެ. އަލުން އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން އަށް އަދި މިހާތަނަށް އެ ޓީމަށް ގޯލެއް ޖަހައިދެވޭ ގޮތެއް ނުވެއެވެ.

އެތުލެޓިކޯ ތާވަލްގެ އެއް ވަނަ އަށް އެރީ 6 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. 2 ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ.