މިއަންނަ މަހުގެ އެއްވަނަ ދުވަހު އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރު ދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ކޭންޕްގެ ތެރެއިން އެޓީމު ކުޅުނު ދެވަނަ މެޗް 1 ލަނޑު 1 ލަނޑު އެއްވަރުފައިވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާއި ވާދަކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ގޯލް ޖެހުމަށް ހަމަލާތައް އުފެއްދިނަމަވެސް، އެއްވެސް ޓީމަކަށް ފުރަތަމަ ހާފްގައި ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފްގައި ޢަލީ ފާސިރު، ޢަލީ އަޝްފާގް އަދި އިބްރާހީމް ވަހީދަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށް ލަނޑު ޖެހުމަށް ފުރުސަތު ލިބިގެންދިޔައެވެ. މެޗުގެ 57ވަނަ މިނެޓްގައި ލަނޑެއްޖަހައި ލީޑް ނެގީ ގަތަރުގެ އާމީ ނެޝަނަލް ޓީމުންނެވެ. މިލަނޑު އެޓީމުން ޖެހީ މެޗްގެ 57ވަނަ މިނެޓްގައެވެ. ގަތަރުގެ އާމީ ނެޝަނަލް ޓީމުން ލަނޑެއް ޖެހުމާއި ގުޅިގެން ރާއްޖެއިން ވަނީ ޓީމަށް ބަދަލްތަކެއް ގެނެސް ކުޅުން ކުރިއަށް ވުރެއް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗްގެ 68ވަނަ މިނެޓްގައި ފޯވާޑް ޢަލީ ފާސިރުވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހުސެއިން ޝިފާޢު ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު ފާސިރުޖެހީ ގަތަރުގެ އާމީ ނެޝަނަލް ޓީމުގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހުއެވެ.
މެޗް އެއްވަރު ކުރުމަށް ފާސިރު ޖެހި ލަނޑަށްފަހުވެސް ގައުމީ ޓީމަށް ލަނޑު ޖަހާނެ ދެ ތިން ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ލީޑް ނެގުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު އުމެއިރާއި ހަސަން ރާއިފް އަހުމަދު (ހަންނަ)އަށެވެ. މިއީ ގަތަރު ކޭންޕްގެ ތެރެއިން ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. އަދި މިއީ ގައުމީ ޓީމްގެ ކޯޗް ޢަލީ ސުޒޭންގެ ކޯޗްކަމުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މިކޭންޕްގެ ތެރެއިން ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ގަތަރުގެ ދެވަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އާއި ވާދަކުރި މެޗް ގައުމީ ޓީމް ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 3 ލަނޑުންނެވެ.
ގަތަރުގެ ޓްރެއިނިން ކޭމްޕް ނިންމާލުމަށްފަހު، ރާއްޖޭގެ ގައުމީ ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ގައުމީ ޓީމުން މި މަހު 10 ވަނަ ދުވަހު ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު، ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ރޭވިއެވެ. ނަމަވެސް، އެ މެޗު ކުޅެން ނުކުޅެވުނީ ލަންކާގެ ކޮވިޑް-19 ހާލަތުގެ ސަަބަބުން އެ ޓީމަށް ގަތަރުގެ ވިސާ ހަމަނުޖެހުމުންނެވެ. ގަތަރަށް ނާދެވުމާއި ގުޅިގެން ލަންކާއިން މިހާރު ކޭންޕް ކުރަމުންދަނީ ސައުދީ އަރަބިއްޔާގައެވެ.