ފުރަތަމަ މެޗުން ތިން ޕޮއިންޓް ގެއްލުމުން ޓީމް ޕްރެޝަރަށް ވެއްޓިއްޖެކަމަށާއި، މިހާރު މިއޮތީ އަލުން ފަށަން ޖެހިފައިކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެވަނީ 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މެޗުގައި ރާއްޖޭގެ ޓީމުން ގިނަ ފުރުސަތު ތަނަސް ކުރި ނަމަވެސް، އެއްވެސް ފުރުސަތެއްގައި ނޭޕާލްގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެއެވެ.
މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނީ މެޗުން ބަލިވީ ރަނގަޅަށް ފުރުސަތުތައް ތަނަވަސް ނުކުރެވިގެންކަމަށާއި، ކުޅުން މުޅިން ގޯސް ނޫންކަމަށެވެ. ނޭޕާލްގެ ގޭމް ޕްލޭނާއި އެއްގޮތަށް އެޓީމުން ވަރަށް ރަނގަޅަށް ކުޅެފިކަމަށާއި، ކައުންޓަރ އެޓޭކުގައި އެޓީމުން ނުރައްކާ ކުރިކަމަށް ކޯޗު ސުޒޭން ބުންޏެވެ. އަދި ކޮންމެ ފަހަރަކުވެސް އެ ޕްރެޝަރުވެސް ފެންނަކަމަށް އޭނާ ބުންޏެވެ.
ސުޒޭން ބުނީ މި މެޗުން ބަލިވުމަކީ ބޮޑު ޕްރެޝަރެއްކަމަށާއި، މިހާރު މިއޮތީ އަލުން ފަށަން ޖެހިފައިކަމަށެވެ. އެހެންނަމަވެސް އަދިވެސް ދިވެހި ޓީމް މުބާރާތުގައި ދާން ބޭނުންވާ ހިސާބަށް ދެވޭނެކަމުގެ އުއްމީދު ވެސް ޔަގީންކަން ވެސް އެބައޮތްކަމަށް އޭނާ ބުންޏެވެ.
"ރަނގަޅަށް ކުޅެވުނު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ހާލަތްތަކުގައި. އެހެން ނަމަވެސް ކައުންޓާ އެޓޭކުގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ދެ ތިން ފަހަރެއް ދިޔަ. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯ ކުރީ. ދެން ފުރަތަމަ ހާފަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ޓާގެޓަށް ދެވުނު. އެހެންނަމަވެސް ހަމަ މިޑްފީލްޑް ތެރެއިން ކޮންމެވެސް ވަރަކަށް އެބަހުރި ބައެއް ޕާސްތައް ކޮންމެވެސް ވަރަކަށް ޑިލޭވެފައި. މެޗްގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ނިންމަން ލިބުނު ބޯޅަތަކުގެ ފުރުސަތުގެ ބޭނުން ނުހިފުން." ގައުމީ ކޯޗް ސުޒޭން ބުންޏެވެ.
ސުޒޭން އިތުރަށް ބުނީ މި މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް މެޗަށް ދާއިރު ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު ތަމްރީނުތައް ހަދަން ފަސްވަރަކަށް ދުވަސް އޮތުމުން، ދެތިން ދުވަސް ފަހުން ގެންނާނެ ބަދަލުތަކަކަށް ވިސްނާނެ ކަމަށްވެސް ބުންޏެވެ. އަދި މިމެޗްގައި ޓީމުގައި ފިޓްނަސް މައްސަލަ އުޅޭކަމަށް ގަބޫލުނުކުރާކަމަށާއި، ހަމައެކަނި ދިމާވި މައްސަލައަކީ ދެ ކައުންޓަރ އެޓޭކެއްގައި ޑިފެންސް ޑިސްއޯގަނައިޒްވުންކަމަށް ވެސް ސުޒެއިން ބުންޏެވެ.