ދިރާގުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ހައިސްޕީޑް އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް ފަށައިފިއެވެ. ދެވަނަ ފިޔަވައްސަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތްދޭނީ އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދުއެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ ދެވަނަ ފިޔަވީގަ ދިރިއުޅޭ ރައްޔިތުންނަށްވެސް މާލޭގެ އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް، އެއް ފެންވަރެއްގައި އަގުގައި ތަފާތުކުރުމެއްނެތި އެއް އަގުތަކެއްގައި ޚިދުމަތް ދިނުމަށްކަމަށެވެ. އަދި ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އިތުބާރު ހިފޭ ޚިދުމަތެއް ދިނުމަށްކަމަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ސީއީއޯ ސުޙައިލް އަޙުމަދު ވިދާޅުވީ އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި ޓީވީގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ކުންފުންޏަކީ ދިރާގުކަމަށެވެ. އަދި އެކަމާ އުފާ ކުރައްވާކަން ހާމަކުރައްވަމުން ސުހައިލް ވިދާޅުވީ ދެ ކުންފުނީގެވެސް އަމާޒަކީ މުޖުތަމަޢުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުންކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމަރޓް ސިޓީއަށް ހުޅުމާލެ ހެދުމުގައިވެސް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސުހައިލް ވިދާޅުވިއެވެ.
ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ދެ މުއައްސަސާގެ ފަރާތުންވަނީ، ހިޔާ ފްލެޓްގައި މި ޚިދުމަތް ހޯދި ފުރަތަމަ ކަސްޓަމަރާ ބައްދަލުކޮށްފައެވެ.
ފައިބަރ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ޚިދުމަތުގެ މަޢުލޫމާތު ދިނުމަށް، ދިރާގުން ހިޔާ ފްލެޓް ސަރަޙައްދުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. މި ހަރަކާތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ކުރިއަށްދާނީ މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 15:30އިން ފެށިގެން 18:30އާ ހަމައަށެވެ.
ދިރާގުގެ ފައިބަރ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ޚިދުމަތް މިހާރުވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، 50،000މީހުންގެ އާބާދީއަކަށް އަންނަނީ ދެމުންނެވެ.
ހުޅުމާލޭގައި އެޗްޑީސީން އަޅާފައިވާ އޯޕަން އެކްސެސް ނެޓްވޯކާއެކު، އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުންނަށް އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއްފަހަރާ ފޯރުކޮށްދެވޭނެއެވެ.