ހއ.ފިއްލަދޫ ކައުންސިލްގެ އިހްތިސާސްތެރޭގައި ދައްޕަރު އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އޮންނަ ރަށެއްނަމަވެސް، ސަރުކާރުން ވަނީ ދައްޕަރުން ނަފާ ހޯދުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރަން ސަރުކާރުން ނިންމީ އިންޓަރގްރޭޓަޑް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެރަށް ތަރައްޤީކޮށް ނަފާ ހޯދުމަށެވެ. ނަމަވެސް ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާއި ގުޅިގެން އެރަށު ކައުންސިލާއި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ސަރުކާރުން އޭރު ވިދާޅުވީ ދައްޕަރު މައްސަލައިގައި ރައްޔިތުންގެ ޝުޢޫރާއި ދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެކަމަށާއި، އެކަމުގައި ގޮތެއް ނިންމަވާނީ ފިއްލަދޫ ރައްޔިތުންނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދައްޕަރުގެ މައްސަލައިގައި ސަރުކާރުން ކައުންސިލާއެކު މަޝްވަރާތައް ބާއްވާފައިވާކަމަށެވެ. އަދި ފިއްލަދޫ ރައްޔިތުން މިކަމުގައި ދެކޭ ގޮތާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވުނުކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ދައްޕަރާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު، ފިއްލަދޫ ރައްޔިތުން ބޭނުންވާގޮތަށް ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ހިމެނެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާކަމަށެވެ.
ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރު ސަރުކާރުން އޮތީ ކަނޑައަޅާފައެވެ. އޭރުގެވެސް ސަރުކާރުގެ ވިސްނުން ހުރީ ފަތުރުވެރިކަމަށް އެރަށް ބޭނުންކުރުމަށެވެ. ނަމަވެސް އެފަދަ މަސައްކަތެއް ނުފެށި އުޅެނިކޮށް، ފިއްލަދޫގެ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު ހިމެނުއްވީވެސް ރައީސް ސާލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.