އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބަންގްލަދޭޝާއި އިންޑިއާ ބައްދަލުކުރި މެޗުން އިންޑިއާއާ އެއްވަރު ކުރެވުނީ އެއް ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔައިރުވެސް ކުޅުންތެރިން ދެއްކި ހިތްވަރުންކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން ސުނިލް ޗެތްރީގެ ގޯލާއެކު މެޗުގެ ލީޑް ނެގީ އިންޑިއާއެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ބަންގްލަދޭޝްގެ ބިޝްވަނާތު ސިންގަށް ދެއްކި ރަތް ކާޑާއެކު މެޗްގެ ބާކީ ބައި އެޓީމުން ކުރިއަށް ގެންދަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބަންގްލަދޭޝުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ޔާސީން އަރަފާތުގެ ގޯލުންނެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އޮސްކާ ބުނީ އިންޑިއާ އަތުން އެއްވަރުވުމަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި މިފަދަ ނަތީޖާއެއް ނެރެވުނީ ޓީމުގެ ކުޅުންތެރިންގެ ޢަޒުމް ވަރުގަދަކަމާއި ދެއްކި ހިތްވަރުގަދަ ކުޅުމުންކަމަށެވެ. އޮސްކާ ބުނީ މުބާރާތަށް އައިއިރު ވަކި ޓާގެޓެއް ކަނޑައަޅާފައިނުވި ނަމަވެސްކޮންމެ ޓީމެއްގެވެސް އުންމީދަށްވާނީ މޮޅުވުންކަމަށެވެ. އޭނާ ބުނީ ޓީމުން މިހާތަނަށް ދައްކާފައިވާ ނަތީޖާތަކަށް ބަލައި ބަންގްލަދޭޝަށް މުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް މީހުން ބުނާތީ އުފާކުރާކަމަށެވެ.
އެއް ކުޅުންތެރިން މަދުން ކުޅެމުންދިޔަކަމުގެ އިޙުސާސް ނުކުރެވުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށާ، ރަތް ކާޑެއް ދެއްކުމުން ކޮންމެވެސް ވަރަކަށް ޑިފެންސިވް ގޭމެއް ކުޅެން ވިސްނުން ހުރިކަމަށް އޮސްކާ ބުންޏެވެ. ރަތް ކާޑު ދެއްކުމުން ކުޅުންތެރިންގެ ކުޅުމުގައި ހަދަމުންދިޔަ ގޯސްތައް މަދުކޮށް ވިސްނައިގެން ކުޅެމުން ދިޔަކަން އޮސްކާ ފާހަގަކުރިއެވެ. އޭނާ ބުނީ އެޓޭކިންގް ގޭމެއް ކުޅެން ވިސްނީ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރާއެކު ކަމަށެވެ.