ކުޅިވަރު

ކުޅުންތެރިން ދެއްކީ ތައުރީފް ހައްގު ކުޅުމެއް: އަލަގިޗް


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ނޭޕާލު އަތުން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކީ ތައުރީފް ހައްގު ކުޅުމެއް ކަމަށް ސްރީލަންކާގެ ކޯޗު އާމިރު އަލާޖިޗް ބުނެފިއެވެ. މެޗަފަހު ވާހަދައްކަމުން އަލަގިޗް ބުނީ ފުރަތަމަ މެޗުގައި ނާއިންސާފުން ބަންގްލަދޭޝަށް ދިން ޕެނަލްޓީގެ އެ މާޔޫސްކަމުން އަރައިގަނެ ލަންކާ އިން ނޭޕާލާ ދެކޮޅަށް ކުޅުނީ ތައުރީފު ހައްގު ކުޅުމެއް ކަމަށެވެ. ދެކުނު އޭޝިއާގެ ގައުމުތައް އޮތީ ލަންކާ އަށް ވުރެ ކުރީގައި ކަމަށާއި އެ ރޭހުގައި ލަންކާ މިހާރު އޮތް ހިސާބެއް ވަޒަންކޮށްލުން އެއީ މި މުބާރާތުގެ އަނެއް ބޭނުން ކަމަށް އަލާޖިޗް ވަނީ ބުނެފައެވެ.

ލަންކާއިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެއް ސަބަބަކީ ކަންކަން ދަސްކޮށްގެން ކުރިއަށް ދިއުމަށް ކަމަށް އަލާޖިޗް ވަނީ މެޗަށްފަހު ވެސް ތަކުރާކޮށް ބުނެފައެވެ. މެޗު ދިޔަ ގޮތުން ވަރަށް އަސަރުކޮށްފައިވާ ކަމަށާއި ހަގީގަތަށް ބަލާނަމަ ލަންކާ އިން ދެއްކީ ދުނިޔޭގެ ފެންވަރުގެ ހިތްވަރެއް ކަމަށް އަލާޖިޗް ފާހަގަކުރިއެވެ.

" އަހަރެމެން މި މެޗުން ބަލިވެގެން ކުޅުމާމެދު ހިތްހަމަ ޖައްސާލާނަން. އަހަރެންގެ ނަޒަރުގައި މޮޅުވާނެ ދުވަސް ވެސް އޮތީ ވަރަށް ގާތުގައި، މި ޓީމުގައި މި ތިބި ކުޅުންތެރިން އެ ދެއްކީ ތައުރީފު ހައްގު ކުޅުމެއް. މިއީ ކުޅުމަށް ބަލާއިރު އަހަރެމެންނަށް މޮޅެއް. " ބޮސްނިޔާ އުފަން އަލާޖިޗް ބުންޏެވެ.

އަލާޖިޗް ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ނުކޮށް ކުރިއަށް ނުދެވޭނެ ކަމަށެވެ. ކަންކަން ހާސިލްކުރަން ބޭނުންވާ ވަގުތު ލިބެންޖެހޭ ކަމަށާއި ލަންކާ އިން އޭނާ އަށް ވަގުތު ދޭނެ ކަމަށް އަލާޖިޗް ވަނީ ބުނެފައެވެ.

ލަންކާ ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ.