މާލޭގައި މިހާރު ކުރިއަށްގެންދާ ސާފް ޗެންޕިއަންޝިޕް ހޯމް ސަޕޯޓަރުންނާއި އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ޖެހޭނެ ވަކި އުސޫލުތަކެއް އެފްއޭމުން ކަނޑައަޅައިފިއެވެ. ޓިކެޓް ވިއްކުމުގެ އުޞޫލު ކަނޑައެޅީ ޓިކެޓްގެ މައްސަލަ ހޫނުވެފައިވަމީ މާދަމާ ރޭ ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗްގައި އަވޭ ސަޕޯޓަރުންނަށް މަދުން ޓިކެޓް ވިއްކިކަމަށް ބުނެ މައްސަ ހޫނުވެފައިވަނިކޮށެވެ. ފިފާގެ ގަވާއިދުތަކާއި އެއްގޮތަށް ސާފްއިން އެކުލަވާލާފައިވާ މިއުސޫލުގެ ދަށުން ހޯމް ޓީމުގެ މެޗެއްގައި އިދިކޮޅު ޓީމެއްގެ ސަޕޯޓަރުންނަށް ވިއްކަން ޖެހޭނީ 200 ޓިކެޓް ކަމަށެވެ. އެ އަދަދު ވީއައިޕީ ޓިކެޓާ އެކު އިތުރު ވެދާނެކަމަށްވެސް އެފްއޭއެމްއިން ނެރުނު ބަޔާނުއި ބުނެފައިވެއެވެ.
މިއާއެކު މާދަމާ ރޭ ރާއްޖެ އާއި ބަންގްލަދޭޝް ކުލޭ މެޗްގައި ޓިކެޓް ވިއްކާފައިވަނީ މިއުސޫލުގެ ދަށުންނެވެ. މިއުސޫލާއި އެއްގޮތަށް ބަންގްލަދޭޝަށް ވިއްކާފައިވަނީ 200 ޓިކެޓްއެވެ. އިއްޔެގައި މިމެޗްގެ ޓިކެޓް ވިއްކަން ފެށުމާއިއެކު 3 ގަނޑިއިރެއްހާއިރުގެ ތެރޭގައި ބަންގަލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ 200 ޓިކެޓްވަނީ ވިކި ހުސްވެފައެވެ. އަދި ވީއައިޕީ ޓީކެޓް ހިމަނަގައިގެން އަވޭ ޓީމަށް ވިއްކާފައިވަނީ 350 ޓިކެޓެވެ. މިމެޗަށް އެއްކޮށް ވިއްކުމަށް ހަމަޖެހިފައިވަނީ 5000 ޓިކެޓަށްވާއިރު، މިހާރު މި5000 ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ 200 ޓިކެޓް ވިކި ހުސްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުންވަނީ ޓިކެޓް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަދެވޭނީ އެ މީހުންނަށް ހާއްސަ ޓިކެޓުން ކަމަށާއި އެއީ ވަކި ޒޯނެއްގެ ޓިކެޓް ކަމަށް މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް އިއުލާނުކުރިއެވެ. އޭރު ބަންގްލަދޭޝް މީހުން ވަނީ ދިވެހިންނަށް ހާއްސަ ޒޯންތަކުގެ ޓިކެޓްތައް ދިވެހިން އަތުން ބޮޑު އަގުގައި ގަނެފައެވެ. އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓެއްގައި ބިދޭސީ އަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދި ބިދޭސީ އަކަށް ވިއްކާ ޓިކެޓެއްގައި ދިވެއްސަކަށް ދަނޑަށް ނުވެދެވޭ ގޮތަށް ހަމަޖައްސާފައިވަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ.
ފުރަތަމަ ސަބަބަކީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކުން ހުއްޓުވުން ކަމަށާއި،. ދެ ވަނަ ސަބަބަކީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބެލުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާ ހިނދު ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ތިބެ ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތަކަށްތަކއި ދުރާލާ އެކަން ހުއްޓުވުމަށްކަމަށް އެފްއޭއެމްއިން ނެރުނު ބަޔާންގައި ބުނެފައިވެއެވެ. އެފްއޭއެމްއި ބުނީ މީގެ ކުރިންވެސް މިއީ ސާފްގެ މުބާރާތްތަކުގައި އަމަލުކޮށްފައިވާ އުސޫލްކަމަށާއި މިފަހަރުވެސް ރާއްޖެއިން އަމަލްކޮށްފައިވަނީ މިއުސޫލާއި އެއްގޮތަށްކަމަށެވެ.