ކުޅިވަރު

އިންޑިޔާ މެޗަކީ ލިބުނު ކުރިއެރުން ވަޒަން ކުރެވޭނެ މެޗެއް: އަލާޖިޗް


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި އިންޑިޔާ ދެކޮޅަށް ނުކުންނަ މެޗަކީ މިހާތަނަށް ލަންކާއަށް ލިބުނު ކުރިއެރުން ވަޒަން ކުރެވިގެންދާނެ އެއްމެޗު ކަމަށް ސްރީލަންކާގެ ކޯޗު އާމިރް އަލާޖިޗް ބުނެފިއެވެ. މުބާރާތުގެ ތިންވަނަ މެޗު އިންޑިޔާ ދެކޮޅަށް ނުކުންނައިރު މި މުބާރާތުގައި ލަންކާއިން ބޭނުންކުރާނެ ކަންތައްތަކެއް ބަލައި ދަސްކުރަންކަން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލާޖިޗް ވަނީ މިއަދުވެސް ތަކުރާރުކޮށްފައެވެ. އަލާޖިޗް ބުނީ މުބާރާތުގައި ލަންކާއިން ކަންކަންބަލާ ހޯދާ ދަސްކުރި ނަމަވެސް އެކަން ނިމެންޖެހޭ ކަމަށާއި ކޮންމެ ވެސް ދުވަހަކުން އެކަމަށް ނިމުމެއް އަންނަން ޖެހޭކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުންނަނީ ހުރިހާ ގޮތަކުން ވަރުގަދަ ޓީމެއްކަން އެނގި ތިބެކަމަށާއި އިންޑިޔާ ދެކޮޅަށް ކުޅުމަކީ ފައްސޭހަ ކަމެއް ނޫންކަމަށެވެ.

" ލަންކާ މިދަނީ އަހަރެން ޓީމާ ހަވާލުވީސުރެން ދަސްކުރުމުގެ މަރުހަލާއިގަ، މިއަހަރު ގިނަ މެޗުތަކުގައި އަހަރެމެން އެކަން ތަޖުރިބާ މިކުރަނީ، އެކަމަކު ދަސްކުރުމުގެ މަރަހަލާއިން ނިމުމެއް އަންނަން ޖެހޭ ކޮންމެވެސް ދުވަހަކުން." ލަންކާގެ ފުޓްބޯޅައިގަ ޓެކްނިކަލް ޑައިރެކްޓަރ މަގާމުވެސް އަދާ ކުރަމުންދާ އަލާޖިޗް ބުންޏެވެ.

އަލާޖިޗް ބުނީ ދެގޮތަކުން މެޗު ޚާއްސަވާކަމަށާއި އެއީ ނަތިޖާއަށް ބެލިނި ނަވެސް މިމެޗުން ރަނގަޅު ނަތީޖާ އެއް ހޯދަން މަސައްކަތް ކުރުން މުހިންމުކަމަށެވެ. ޓީމަށް ލިބުނު ކުރިއެރުން ބަލަންވެސް މިމެޗު އޭނާއަށް ހާއްސަވާކަމަށް އަލަގިޗް ބުންޏެވެ. މެޗާ ކުރިމަތިލާއިރު އިންޑިޔާ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ލިބުނު ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގައެވެ. މިހާތަނަށް ލަންކާ ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގެ ތިން މުބާރާތުގައިވެސް ލަންކާ ދެކޮޅަށް އިންޑިޔާ ވަނީ މޮޅުވެފައެވެ. 2018 އަހަރުގެ މުބާރާތުގެ މި ދެޓީމު ވާދަކުރި މެޗު އިންޑިޔާ ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.