ކުޅިވަރު

ދެ މެޗުން ދެ ޕޮއިންޓް ލިބުނުއިރުވެސް ކޯޗް ހިތްހަމަޖެހިފަ


ޕޮއިންޓް މުހިންމު ނޫންކަމަށާއި މެޗުތަކުން މަދުވަނީ ގޯލްކަމަށް ދެ މެޗުން ދެ ޕޮއިންޓް ހޯދި އިންޑިޔާގެ ކޯޗް އީގޯ ސްޓިމަކް ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އިންޑިޔާ މިހާރު ދެ މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗްގައި ބަންގްލަދޭޝްއާއި ވާދަކޮށް ވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ. އަދި މިއަދު ހަވީރު ސްރީލަންކާ އާއި ވާދަކޮށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އިންޑިޔާގެ ކޯޗް އީގޯ ސްޓިމަކް އައީ ހިތްހަމަނުޖެހިފައި ހުރެގެންނެވެ. ކޯޗްބުނީ ލަންކާއާއިން އައީ ފުޓްބޯޅަ ކުޅެން ނޫންކަމަށާއި އެޓީމު އައީ ވަގުތު ބޭކާރު ކުރަންކަމަށެވެ. މެޗްގައި ލަންކާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް އިންޑިޔާ ޓީމަށް ލަނޑެއް ޖެހިއަނުދީ ހިފަހައްޓާފައެވެ. މެޗްގައި ރަނގަޅަށް ކުޅުނީ އިންޑިޔާ ޓީމުކަމަށާއި މެޗްގައި ގިނަ ހަމަލާތައްވެސް އުފެއްދީ އިންޑިޔާކަމަށްވާއިރު، މެޗުން ހަމައެކަނި އިންޑިޔާ ޓީމަށް މަދުވީ ގޯލެއްކަމަށް އިންޑިޔާގެ ކޯޗް އީގޯ ސްޓިމަކް ބުންޏެވެ. ކޯޗް ބުނީ އިންޑިޔާގެ ކުޅުންތެރިން ގޯލް ކުރިމަތީގައި ބިރުގަންނަ ސަބަބުން ހޯދަންޖެހޭކަމަށާއި މިއީ މީގެ ކުރިންވެސް އިންޑިޔާގެ ޓީމަށް ދިމާވެފައިވާ މައްސަލައެއްކަމަށް އީގޯ ސްޓިމަކް ބުންޏެވެ.

"ބައެއް ފަހަރު ފަސޭހަ ކޮށްލެވޭ މެޗު އެންމެ އުނދަގޫ މި ވަނީ. އަނެއް ކޮޅުން ފަސޭހަ މެޗު ވަރަށް އުނދަގޫ ވެސް އެބަވޭ. މިހާރު ކުރަން ޖެހޭ ކަމަކީ ނޭޕާލާއި ރާއްޖެ ބަލިކުރުުން ފައިނަލަށް ދަންޏާ. ނޭޕާލް މެޗު ވަރަށް މުހިއްމު އެބަވޭ މޮޅުވާން. އަހަރެންގެ ކޮންފިޑެންސް އެބައޮތް މޮޅުވެވޭނެ ކަމުގެ،" ސްޓިމަކް ބުންޏެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލީގް އުސޫލުން ކުރިއަށްދާއިރު، ދެ މެޗުން ދެ ޕޮއިންޓް ލިބުމުން މިވަގުތު މިސަރަހައްދުގެ އެންމެ ވަރުގަދަ ޓީމް އިންޑިޔާ އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައެވެ. އިންޑިޔާއަށްވަނީ މުބަރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު މިހާރު ގެއްލިފައެވެ.