ޚަބަރު

"ފްލޯޓިންގ ސިޓީއަކީ ކަނޑުގެ ދިރުންތަކަށް ލިބޭނެ އިތުރު މުއްސަނދިކަމެއް"


ރާއްޖޭގައި ހިންގާ ތަރައްޤީގެ ކޮންމެ މަޝްރޫޢަކާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ އޭގެ ސަބަބުން ތިމާވެއްޓަށް އަންނާނީ ކޮން ބަދަލެއްތޯ ކުރެވޭ ސުވާލެވެ. ބައެއް މަޝްރޫޢުތަކާއެކު ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ނުރުހުން މިފަދަ މަޝްރޫޢުތަކަށް އަމާޒުވެއެވެ.

މުޅިން އަލަށް ރާއްޖޭގައި ތަރައްޤީކުރާ ފްލޯޓިންގ ސިޓީއާއެކުވެސް މިހާރު އުފެދިފައިވާ އެއް ސުވާލަކީ މީގެ ސަބަބުން ތިމާވެއްޓަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ އުފެދޭ ސުވާލެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ މިފަދަ ފްލޯޓިންގ ސިޓީ، މާލެ އަތޮޅު އާރަށް ކައިރީ ތަރައްޤީކުރުމަށް ނެދަލެންޑްސްގެ ޑަޗްލޮކްލޭންޑާ ވަނީ މިހާރު ޙަވާލުކޮށްފައެވެ. މަތީފަންތީގެ މިސިޓީއަކީ ކަނޑުގައި ތަރައްޤީކުރާ ތަނަކަށްވުމުން މިއާއެކު އެސަރަޙައްދުގެ ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ބެލުމަށް މިހާރު އަންނަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިމަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެކަމަށް މިމަސައްކަތުގައި ޙަރަކާތްތެރިވާ ދިވެހި ކޮންސަލްޓަންޓް އިބްރާހީމް ރިޔާޒް ވިދާޅުވެއެވެ.

ރިޔާޒް ވިދާޅުވީ މިއީ ނެދަލޭންޑްސްފަދަ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި މިހާރު ކޮންމެވެސް ވަރަކަށް ތަޖުރިބާކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. މި ފްލޯޓިންގ ސިޓީގެ ސަބަބުން މިސިޓީ ތަރައްޤީކުރާ ސަރަޙައްދުގައި މުރަކައިގެ ބަގީޗާއެއް އުފެދި މިސަރަޙައްދުގެ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ ފްލޯޓިންގ ސިޓީގެ ދަށުގައި އެކުލެވޭ ޓެކްނޮލޮޖީއާއެކު އެއީ މުރަކައިގެ ބަގީޗާއަކަށްވުމުން މިއީ ކަނޑުގެ ދިރުމަށް ލިބިގެންދާނެ އިތުރު މުއްސަނދިކަމެއްކަމަށެވެ.

"މީގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ސްޓްރަކްޗަރތަކުގެ ދަށް ބަދަލުވެގެން އަންނާނީ މުރަކައިގެ ގާޑަންއަކަށް. މަސްތައް އައިސް ދިރިއުޅޭތަނަކަށް މިތަންވެގެންދާނީ. އެހެންކަމުން މިއީ މެރިން ޑައިވަރސިޓީއަށް އިތުރަށް ކޮންޓްރިބިއުޓްކުރާނެކަމެއް." ރިޔާޒް ވިދާޅުވިއެވެ.

ފްލޯޓިންގ ސިޓީއެއް ތަރައްޤީކުރާ ވާހަކައާއެކު ދެން އެންމެބޮޑަށް އުފެދުނު ސުވާލަކީ މިއީ ހަގީގަތަކަށްވެދާނެތޯ އުފެއްދި ސުވާލެވެ. ކަނޑުގެ އޮއެވަރާއި ބާނިތައް ބޮޑުވާ ދުވަސްވަރު މި ސިޓީގެ ރައްކާތެރިކަން އޮންނާނެގޮތާމެދުވެސް ވަނީ ސުވާލު އުފައްދާފައެވެ. މިކަމާ ގުޅޭގޮތުން ރިޔާޒް ވިދާޅުވީ މިއީ ބާޖެއްހެން ކަނޑުމަތީގައި އޮންނަ އެއްޗެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ކޮންކްރީޓް ސްޓްރަކްޗަރއެއްގެ މަތީ ތަރައްޤީކުރާ މިޓެކްނޮލޮޖީއަކީ ރާއްޖޭގެ އަތޮޅުތަކުގެ ވަށައިގެން ލެވިފައިވާ ރައްކާތެރިކަމުގެ ނިޒާމު ނެތް ނެދަލޭންޑްސް ފަދަ ޤައުމުތަކުގެ ކަނޑުގެ ބިޔަ ބާނިތަކު ތެރޭގައިވެސް ތަޖުރިބާކޮށްފައިވާ ޓެކްނޮލޮޖީއެއްކަމަށެވެ.

1.6 ބިލިއަން ޑޮލަރުގެ ބިޔަ މިމަޝްރޫޢުގެ ދަށުން ފްލޯޓިންގ ސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ ޢަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މިމަޝްރޫޢުގެ ރާއްޖޭގެ ކޮންސަލްޓަންޓް ވިދާޅުވެއެވެ. އަދި 3 އަހަރުގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.