ކުޅިވަރު

މެކް ޓޮމިނޭ ފަހުވަގުތު ޖެހި ލަނޑުން ސްކޮޓްލޭން އުންމީދުގައި


ވޯލްޑްކަޕް ކޮލިފައިން ޔޫރަޕުގެ ގުރޫޕް އެފްގައި ސްކޮޓްލޭންޑުގެ ސްކޮޓް މެކްޓޮމިނީ ފަހުވަގުތު ކާމިޔާބު ކުރި ލަނޑުން ކޮލިފައިން ޕްލޭއޯފް ޖާގައިގެ އުންމީދު ސްކޮޓްލެންޑުން ބޮޑުކޮއްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސްކޮޓްލޭންޑް އިން ކާމިޔާބުކުރީ އިސްރާއިލާ ވާދަކޮށް 3-2 ލަނޑުންނެވެ. މެޗުގެ ފަސްވަނަ މިނިޓުގައި އިރަން ޒަހާވީ ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑުން އިސްރާއީލުން ލީޑު ނެގިއިރު ޖޯން މެކްގިން ވަނީ ފުރަތަމަ ހާފްގެ 29 ވަނަ މިނިޓުގައި އެއްވަރުކޮށްފައެވެ. ސްކޮޓްލޭންޑުން ނަތީޖާ އެއްވަރު ކުރިތާ ދެ މިނިޓު ފަހުން މުނިސް ޑަބުރް އިސްރާއިލަށް މެޗުގެ ދެވަނަ ފަހަރަށް ލީޑު ނަގައިދިނެވެ.

މެޗު ދެވަނަ ހާފް ފެށިތާ މާގިނަ އިރެއް ނުވަނީސް ލައިޑޮން ޑައިކްސް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސްކޮޓްލޭންޑް މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗު އެންމެ ފަހު މިނިޓުގައި ސްކޮޓް މެކްޓޮނިމީއެވެ. މިއީ މެކްޓޮނިމީ ސްކޮޓްލޭންޑްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ގުރޫޕްގައި ރޭ ރަށުންބޭރުގައި ޑެންމާކް ވަނީ މޯލްޑޯވާ އަތުން 4-0 ލަނޑުން މޮޅުވެ ލީޑް ދަމަހައްޓައިފައެވެ. ރޭ މި ގުރޫޕްގެ އޮސްޓްރިއާ ވަނީ ފެރޯ އައިލޭންޑް އަތުން 2-0 ލަނޑުން މޮޅުވެފައެވެ.

މިނަތީޖާއެކު ޑެންމާކް ގުރޫޕްގެ ކުރީގައި އޮތީ 21 ޕޮއިންޓާއެކުއެވެ. ސްކޮޓްލޭންޑް ވަނީ އިސްރާއީލް އަތުން ހޯދި މޮޅާއެކު ހަތަރު ޕޮއިންޓް ތަފާތު ބޮޑުކޮށް ގުރޫޕްގެ ދެވަނައަށް ހަމަޖެހިލާފައެވެ. ރޭގެ ހޯދި މޮޅާއެކު އިސްރާއިލާ އެއްވަރަށް އޮސްޓްރިއާ އިން ވެސް ވަނީ 10 ޕޮއިންޓް ހޯދާ އަރާހަމަކޮށްފައެވެ. ފެރޯ އައިލެންޑަށް ހަތަރު ޕޮއިންޓު ލިބުނު އިރު ގުރޫޕްގެ ފުލުގައި މޯލްޑޯވާ އޮތީ އެއްޕޮއިންޓާއެކުއެވެ.