މެޗު ގެއްލުނީ މެޗުން ހެދުނު އެންމެ ގޯހަކުންކަމަށް ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުނެފިއެވެ. ނޭޕާލުން އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިހާތަނަށް ވަނީ ތިން މެޗް ކުޅެފައެވެ. އޭގެތެރެއިން އެޓީމު ވަނީ ދެ މެޗް ކާމިޔާބުކޮށް އެއް މެޗުން ބަލިވެފައެވެ. ނޭޕާލްގެ ފުރަތަމަ މެޗުގައި 1 ލަނޑު 0 ލަނޑު ރާއްޖެ ބަލިކޮށް، ދެވަނަ މެޗްގައި އެޓީމު ވަނީ 3 ލަނޑު 2 ލަނޑުން ލަންކާ ބަލިކޮށްފައެވެ. އަދި ރޭ އެޓީމު ބަލިވީ އިންޑިޔާ އާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާއިރު، މުބާރާތުގެ ފައިނަލަށް ދާނީ ލީގް ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. ލީގު ބުރުގެ ފަހު މެޗްތައް ބުދަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. އަދި އެރޭ ކުޅޭ މެޗްގައި ވާދަކުރާނީ އިންޑިޔާ އާއި ދިވެހިރާއްޖެއެވެ. ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށްގެން ނޭޕާލަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ނޭޕާލާއި އިންޑިޔާ ވާދަކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުނީ އިންޑިޔާ އަތުން ބަލިވީ މެޗުގައި ހެދުނު އެންމެ ގޯހެއްގެ ސަބަބުންކަމަށާއި މެޗުގައި ނޭޕާލަށްވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީކަމަށެވެ. އަދި ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމާއެކު ކުރިއަށް އޮތް މެޗްގައި ބަންގްލަދޭޝް ބަލިކުރަން ބޭނުންވާކަމަށް ވެސް ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުންޏެވެ. މިއާއެކު މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެކަމަށްވެސް ކޯޗް ބުންޏެވެ. ނޭޕާލްގެ ފޯމޭޝަނާއި ބެހޭގޮތުން ނޫސްވެރިއަކު ސުވާލް ކުރުމުން ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުނީ ނޭޕާލުން މެޗަށް ނިކުތީ މެޗުން މޮޅުވެގެން ފައިބާންކަމަށެވެ.
"މީއީ ފުޓްބޯޅައިގައި ފޯމޭޝަންތަށް ބަދަލްވާ ގޮތް. މެޗްގެ ކުރިން ޓީވީގައި ދައްކާއިރު، އެއީ މެޗް ފަށާއިރު އިންނަ ފޯމޭޝަން. ނަމަވެސް ފަހުން އެފޯމޭޝަންތަކަށް ބޮޑު ބަދަލުތަކެއް އާދޭ. ހުރިހާވެސް އެއްޗަކީ ފޯމޭޝަން. އަތުގައި ބޯޅަ އޮންނަ އިރު ޓީމު އެތުރޭ ގޮތާއި ބޯޅަ ގެއްލުމުން ޓީމު އެތުރޭ ގޮތް ތަފާތުވާނެ. މެޗް ބަލާލީމަ އެނގޭނެ ނޭޕާލަށް ލިބުނު ފުރުސަތުގެ އަދަދު. ވަރަށް ގިނަ ފުރުސަތު ލިބިގެންދިޔަ. އަހަރުންނަށް ކޯނަރު އަދި ޖެހުންތައްވެސް ލިބިގެންދިޔަ. މިއީ އަހަރުން މޮޅުވުމެއް ނޫން. އިންޑިޔާ އަތުން ބަލިވީ، ދެން ވިސްނުން ހުރީ ކުރިއަށް އޮތް ބަންގްލަދޭޝް މެޗަށް." ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުންޏެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލީގް އުސޫލުން ކުޅުނު ނަމަވެސް، ލީގް ބުރުގެ ފަހު މެޗްގައި ވާދަކުރާ ކޮންމެ ޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމާއެކު، އެއްގަޑިއެއްގައި މެޗްތައް ކުޅުމާއިމެދު ކުރި ސުވާލަށް ޖަވާބު ދެމުން ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުނީ އެއްވަގުތެއްގައި ކުޅުނު ނަމަ، ޓީމްތަކަށް އޮންނަ ޕްރެޝަރާއި މެޗްތަކުގައި ވާގޮތްބަލަން އޮންނަ ފުރުސަތު ކުޑަވާނެކަމަށެވެ. ނަމަވެސް ދެ ގަޑިއެއްގައި ކުޅުނު ނަމަވެސް އެއީ ނޭޕާލަށް އެއްވެސް މައްސަލައެއް ނޫންކަމަށް ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުންޏެވެ.